ރާއްޖޭގައި އޮތް އެންމެ ކުޅަދާނެ ބޮޑުބެރު ގުރޫޕް، ހަބޭސް ބޮޑުބެރު ގުރޫޕަކީ އަބަދުވެސް ތަފާތު އެކި ހުށަހެޅުންތަކާއި ތަފާތު ހުނަރު ދައްކަމުން އަންނަ ގުރޫޕެކެވެ. އަމިއްލަ އުފެއްދުންތަކުން ބޮޑުބެރު ކުރިއަރުވައި އެހެން ހަރުފަތަކަށް ގެންގޮސްދިނުމުގައި އެހެން ގުރޫޕުތަކަށް އެއީ ނަމޫނާއެކެވެ. ކޮވިޑުގެ ސަބަބުން މުޅި ގައުމަށް މާޔޫސްކަން ވެރިވެފައިވާ މި ދުވަސްވަރެއްގައި ހަބޭސް އިން މިވަނީ އީދުގެ ކުލަވަރާއެކު އީދަށް ހެދި ލަވަ ރިލީޒްކޮށްފަ އެވެ.

ވޮއިސް އޮފް މޯލްޑިވްސް އިން ދިވެހިންގެ މަޝްހޫރުކަން ހޯދި ކުޅަދާނަ ލަވަކިޔުންތެރިޔާ އަދި ހަބޭސްގެ ގުރޫޕުގެ ލީޑިން ވޯކަލިސްޓް ހަސަން ތޮލާލް ކިޔާފައިވާ "އީދު މުބާރަކް"، މި ލަވަގައި މުޅިން ވެސް އިވިގެންދަނީ އީދުގެ ސަގާފަތްތަކާއި އީދު ކުޅިވަރުތަކާއި ދިވެހިން އީދުގައި އާންމުކޮށް ކޮށް އުޅޭ ކަންކަމުގެ ވާހަކަތަކެވެ.

ވީޑިއޯގައި ހަބޭސްގެ މުޅި ޓީމު ފެނިގެންދާއިރު، އީދުގެ ކުލަގަދަ ކަމާއި ފޯރި މި ލަވައިން ސިފަކޮށްދެ އެވެ. އަދި ސޯޝަލް މީޑިއާއަށް އެ ލަވަ ދޫކޮށްލުމާއެކު ގިނަ ބައެއްގެ ތަރުހީބު އެ ލަވައަށް ލިބެމުން އަންނައިރު މިހާރުވެސް 17،000 އަށްވުރެ ގިނަ ވިއުސް ވަނީ އެ ލަވައަށް ލިބިފަ އެވެ.

ލަވައާ ގުޅޭ ގޮތުން ހަބޭސްގެ ފައުންޑަރު އަލީ ޝިފާއު (ހަބޭސް އައްޔަ) "ވަން" އަށް ވިދާޅުވީ، މި ލަވައިގެ ރެކޯޑިން އާއި މިއުޒިކާއި ރާގަކީ ވެސް ހަބޭސްގެ ޕްރޮޑަކްޝަނެއް ކަމަށާއި އަދި މިއީ މުޅި ގުރޫޕުގެ މަސައްކަތެއް ކަމަށެވެ.

މި ލަވައިގެ އޯޑިއޯ މީގެ ދެއަހަރު ކުރިން ނެރެފައިވީ ނަމަވެސް ރޭ ނެރެފައިވަނީ އެ ލަވައިގެ ވީޑިއޯއެވެ. ވިލިމާލޭގައި ކުޅެފައިވާ އެ ލަވައިގެ ވީޑިއޯ ނަގައި އެޑިޓިންގެ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ އަހުމަދު މަޖުދީ އެވެ.

އީދަށް ހާއްސަކޮށްގެން ހަބޭސް އިން އީދު ލަވައެއް ނެރެފައިވާއިރު، ކޮވިޑާ ގުޅިގެން ހަބޭސް އިން ވަނީ އެމީހުންގެ ސްޓައިލުގައި އަތްދޮވުމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ވެސް ވީޑިއޯއެއް ނެރެފަ އެވެ. އޭގެ އިތުރުން އެ ގުރޫޕުން އަންނަނީ ޒަމާނީ ބޮޑުބެރު ލަވަތަކެއް ހިމެނޭ އަމިއްލަ އަލްބަމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އައްޔަ ބުނީ ކޮވިޑުގެ ސަބަބުން އަލްބަމްގެ މަސައްކަތް ކުޑަކޮށް މަޑުޖެހިފައި އޮތް ނަމަވެސް ވަރަށް އަވަހަށް އަލްބަމް ނެރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

https://www.youtube.com/watch?v=lbVtjVkeYn4