ރާއްޖެއަށް ފަތުރުވެރިން ގެންނަން އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔުނިއަން (އައިޑީޔޫ)ގައި ސަރުކާރުން ހިންގާ މައި ޕާޓީ އެމްޑީޕީން އެދިއްޖެއެވެ.

އައިޑީޔޫ އަކީ ސެންޓާ ރައިޓް އަދި ކޮންޒަވޭޓިވް ފިކުރުގެ ޕާޓީތަކުގެ ޔުނިއަންއެކެވެ. އެމްޑީޕީއަކީ އެ ޕާޓީ އުފެދުނު ދުވަސްވަރުން ފަށައިގެން އައިޑީޔޫގެ މެންބަރެކެވެ. އަދި އެމްޑީޕީން އަންނަނީ އައިޑީޔޫގެ ކޮންމެ ބައްދަލުވުމެއްގައި ބައިވެރިވަމުންނެވެ.

މިއަދު ބޭއްވި އައިޑީޔޫގެ އެގްޒެކެޓިކް ކޮމެޓީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މީޑިއާތަކަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އެ ބައްދަލުވުމުގައި އެމްޑީޕީގެ އިސް ބައެއް މެންބަރުން ވެސް ބައިވެރިވެވަަޑައިގެންނެވި ކަމަށެވެ. އެގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި، އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ ފަދަ ބޭބޭފުޅުން ބައިވެރިވެވަޑައިގެންފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ފަރާތުން މިއަދު ހުށަހަޅާފައިވަނީ، އައިޑީޔޫގެ މެންބަރު ޕާޓީތަކުގެ ތެރެއިން، ސަރުކާރު ހިންގުމާ ހަވާލުވެ ތިބި ޕާޓީތަކުން އެގައުމުތަކުގެ ސަރުކާރުތައް މެދުވެރިކޮށް ރާއްޖެއަށް އެ ގައުމުތަކުން ފަތުރުވެރިން އައުމުގައި ލުއިކޮށްދިނުމަށް މަސައްކަތްކޮށްދިނުމަށެވެ. އެގޮތުން އޮސްޓްރިއާ، ގްރީސް، ހަންގޭރީ، ނޯވޭ އަދި އިނގިރޭސިވިލާތް އަދި އެމެރިކާ ފަދަ ގައުމުތައް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން ހުށަހެޅި ހުށަހެޅުންތައް އައިޑީޔޫގެ ފޮރިން ރިލޭޝަންސް ކޮމެޓީއަށް ގެންދަން ގައުމުތަކުން އެއްބަސްވެފައިވާ ކަމަށާއި އެކަމާ މެދު ގޮތެއް ނިންމުމަށްފަހު ހުކުރު ދުވަހު އަންގާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ހުށަހެޅުންތައް އައިޑީޔޫއިން ގަބޫލުކޮށް، އެއާ އެއްގޮތަށް އަމަލުކުރައްވާނެ ކަމުގައި ދެކޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގައުމުތަކުގައި އެދިފައިވާނެ ދިވެހިރާއްޖެއަށް މިކަން (ރާއްޖެއަށް ފަތުރުވެރިން އައުމުގައި ލުއިގޮތްތަކެއް ހަމަޖައްސައިދިނުމަށް) ކޮށްދިނުމަށް. އަޅުގަނޑު ދެންނެވިން ދިވެހިރާއްޖެއަކީ ޓޫރިޒަމަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެއް ކަމާއި އަޅުގަނޑުމެންނަށް އަލުން އަނބުރާ ޓޫއަރިސްޓުންގެ ވިޔަފާރި އަލުން އަނބުރާ ނުފެށިއްޖެ ނަމަ އެއީ ދިވެހިންނަށާއި ދިވެހިރާއްޖެއަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމެއް ކަމަށް،" ނަޝީދު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެ އަނެއްކާވެސް ލޮކްޑައުންއަކަށް ގެންދިޔުމަކީ ފަތުރުވެރިކަމަށް ރަނގަޅު ކަމެއް ނޫން ކަމަށާއި ފަތުރުވެރިކަން ކުރިން އޮތް ހާލަތަށް ގެންދެވޭނީ ރާއްޖެ ހުޅުވާލާފައި ބާއްވައިގެން ކަމަށެވެ.