މިމަހުގެ ތެރޭގައި އައްޑޫ ސިޓީ ހުޅުމީދުއަށް އެރި އުދައިގެ ސަބަބުން އެރަށުގެ ފުއްޓަރާ ދިމާލުން ހުރާގަނޑެއް އުފެދިއްޖެއެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން އައްޑޫ ސިޓީ ކައުންސިލުގެ މީދޫ ދާއިރާގެ މެންބަރު ހުސެއިން ހިޔާޒު ވިދާޅުވީ، އެތަން އުފެދިފައި ހުރީ ފުއްޓަރު ފަރާތު ރާޅު ޖަހާ ހިސާބުން ކަމަށާއި އެރަށުގެ މީހުން އެތަނަށް ކިޔައި އުޅެނީ ކެޑަވާރެހަ ކަމަށެވެ.

"ފުއްޓަރު ފަރާތަށް ރާޅު ޖަހާ ހިސާބަށް ގާތަކެއް ޖަމާވެފައި އެހެރީ. އަޅުގަނޑަށް ހީވަނީ ގާތްގަނޑަކަށް 3000 ފޫޓު ހުންނާނެހެން. އަދި ހަ ފޫޓު ހުންނާނެ ފުޅާ މިނުގައި. ތޮއްޓެއްހެން އެހެރީ." ހިޔާޒު ވިދާޅުވިއެވެ.

ހިޔާޒު ވިދާޅުވީ، އެރަށުގައި އޮންނަ ތިމާވެށީގެ ޖަމިއްޔާއެއް ކަމަށްވާ ނަލަފެހި މީދޫގެ ފަރާތުން އެ ހުރާގަނޑަށް ގޮސް، އެތަނުގައި ގަސް އިންދޭތޯ ބަލައިފައިވާ ކަމަށެވެ.

ހުރާގަނޑު އުފެދިފައިވާތީ، ނަލަފެހި ޖަމިއްޔާއިން ވަނީ އެތަނުގައި މުޑި ކާއްޓާއި، އެ ސަރަހައްދުގައި އުފެދޭނެހެން ހީވާ ކަހަލަ މަގޫ ގަސް އިންދައިފައެވެ.

މީގެ ކުރިން އުދައިގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކުގައި މިފަދަ ހުރާގަނޑު އުފެދިފައިވެއެވެ. މި ހުރާގަނޑު ގިނަ ދުވަސްވަންދެން އެތަނެއްގައި އޮންނަ ނަމަ ރަށެއް އުފެދިދާނެ ކަމަށް ތިމާވެއްޓާ ބެހޭ ބައެއް މާހިރުން ލަފާ ކުރެއެވެ. އެއީ ރަށްރަށް އުފެދެނީވެސް މިފަދަ ހުރާގަނޑުތަކުންނާއި ފިނޮޅުތައް ގިނަ ދުވަސްވަންދެން ދެމި އޮވެ އެތަނުގައި ގަސްގަހާ ގެހި އުފެދިގެން ކަމަށްވާތީއެވެ.