ދިރާގުން ފޯރުކޮށްދެމުން އަންނަ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތާއެކު ދިރާގުގެ ހައިސްޕީޑް ފައިބާ އިންޓަނެޓުގެ ހިދުމަތް ރ. މަޑުއްވަރީގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ދިރާގުން މައުލޫމާތުދިން ގޮތުގައި މި ދުވަސްވަރަކީ ޑިޖިޓަލް ޓެކްނޮލޮޖީ ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުން އަންނަ ދުވަސްވަރެކެވެ. އަދި މި ހިދުމަތް މަޑުއްވަރީގައި އިފްތިތާހުކުރެވުނީ އިންޓަނެޓަށް ނުހަނު ބޮޑަށް ބަރޯސާވާން ޖެހިފައިވާ ދަނޑިވަޅެއްގައިކަން ދިރާގުން ފާހަގަކުރެއެވެ.
އެގޮތުން ރިމޯޓްކޮށް ކިޔެވުން، ގެއިން މަސައްކަތް ކުރުން ނުވަތަ އާއިލާ އާއި ގާތް ރައްޓެހިންގެ ހާލު ބަލައިލަންވެސް ހައި ސްޕީޑް އިންޓަނެޓަކީ މިހާރު އެންމެ މުހިންމު ވަސީލަތަށް ވެފައިވާ ކަމަށް ދިރާގުން ފާހަގަކުރެއެވެ.
މިފަދަ ދަނޑިވަޅެއްގައި ގިނަ ކަސްޓަމަރުންގެ ބޭނުންތަކަށް ބެލުމަށްފަހު، އެކުންފުނީގެ ފައިބާ ބްރޯޑްބޭންޑްގައި ކަސްޓަމަރުންނަށް ތަފާތު އަގުތަކާއި ޑޭޓާ އެލަވަންސްތައް ހިމެނޭ ގިނަ ޕެކޭޖުތަކެއް ތައާރަފުކޮށްފައިވާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ. އެގޮތުން މަޑުއްވަރީގައި ދިރިއުޅޭ ދިރާގު ކަސްޓަމަރުން ހިމެނޭ ގޮތަށް ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ހުރިހާ ޕްކޭޖެއް ތަޖުރިބާކޮށްލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.
މިކަމާ ގުޅިގެން ދިރާގު ސީނިއާ މެނޭޖާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވި ގޮތުގައި ދިރާގު ފައިބާ ނެޓްވޯކް ފުޅާކޮށް ވީހާވެސް ގިނަ ރަށްތަކަށް މި ހިދުމަތް ފޯރުކޮށްދެވިގެން ދިޔުމަކީ އެ ކުންފުނިން އެކަމާ ވަރަށް އުފާކުރާ ކަމެކެވެ. އަދި ދިރާގުގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް އިތުބާރު ހިފޭ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ކަސްޓަމަރުންނަށް ދިރާގުން ފޯރުކޮށްދޭ ހިދުމަތްތައް ބޭނުންކުރެވޭނެ ގޮތްތައް ފަހިކޮށްދިނުން ކަމަށް މިރުޝާން ވިދާޅުވިއެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. ދިރާގުން މައުލޫމާތު ދޭ ގޮތުގައި އެކުންފުނީގެ ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖުތައް ހިމެނޭ ހިދުމަތެވެ. އަދި ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކު ކަމަށާއި، މިހާރު ރާއްޖޭގެ ގޭބިސީގެ 75 އިންސައްތައަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދޭ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ކަމަށާއި އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ދިރާގުން ބުނެއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި