ބޭންކިންގެ ގިނަ ހިދުމަތްތައް ލިބޭގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހއ. ދިއްދޫ ބްރާންޗުގައި ހުރި އޭޓީއެމްތައް އަޕްގްރޭޑްކޮށްފިއެވެ.

ބީއެމްއެލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ޒަމާނީ ބޭންކިން ރާއްޖޭގެ ހުރިހާ ހިސާބަކަށް ތައާރަފުކުރުމަށް ބީއެމްއެލުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ހއ. ދިއްދޫގައި ހުންނަ އެ ބޭންކުގެ ސެލްފް ސާވިސް އޭޓީއެމްތައް އަޕްގްރޭޑްކޮށްފައިވާ ކަމަށެވެ.

އަޕްގްރޭޑާއެކު އެ އޭޓީއެމް މެދުވެރިކޮށް ޗެކާއި، ސިޓީ އުރައިގައި ފައިސާ ޖަމާކޮށް، ޓްރާންސްފާ ކުރެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އަދި ފައިސާ ޖަމާކުރުމުގެ ހިދުމަތްވެސް އެ އޭޓީއެމުން ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލްގެ 38 ބްރާންޗެއް ރާއްޖޭގެ 20 އަތޮޅުގައި ހުރެއެވެ. އެ ބޭންކްގެ 55 ސެލްފް ސާވިސް ސެންޓަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ އިރު، ބީއެމްއެލްގެ 116 އޭޓީއެމްއާއި 260 އަށްވުރެ ގިނަ ކޭޝް އެޖެންޓުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވެއެވެ.