މި މަހުގެ 31 ގައި ބާއްވާ ތ. ގުރައިދޫ ކްލަބު ބުލޫ އީގަލްސް ފުޓްސަލް ކަޕްގެ ގުރުއަތުލުން ބާއްވައިފި އެވެ.

ކްލަބު ބުލޫ އީގަލްސްގެ ރައީސް އަޒްވަރު ހަސަން "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މި މުބާރާތަކީ ޒުވާނުންގެ ހިތްތަކުގައި ކުޅިވަރުގެ ލޯބި ޖެއްސުމާއި އެކުވެރިކަން އާލާ ކުރުމަށް ބާއްވާ މުބާރާތެއް ކަމަށެވެ. އަޒްވަރު ވިދާޅުވީ މިދިޔަ އަހަރު މި މުބާރާތުގައި ހަތް ޓީމު ބައިވެރިވެފައިވާ އިރު، މިއަހަރު 10 ޓީމު ބައިވެރިވެފައިވާ ކަމަށެވެ.

އެގޮތުން މިމަހުގެ 25 ވަނަ ދުވަހު ގުރު ނަގާފައިވާ އިރު، ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ މި މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއް ލިބޭނެއެވެ. މިދިޔަ އަހަރު ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވިންސިއާ އެވެ.

މުބާރާތާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން އަޒްވަރު ވިދާޅުވީ "ޒުވާނުންނަށް ބުނެލަން އޮތީ ޒުވާނުންގެ ކަންތައްތަކުގައި އަޅުގަނޑަށް އަދި ކްލަބުގެ ފަރާތުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ލިބޭނެ. ދެން މި މުބާރާތް ބޭއްވުމަށް ސްޕޮންސާ ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝޫކުރު އަދާކުރަން" ކަމަށެވެ.

އަޒްވަރު ވިދާޅުވީ މިހާރު ހަމައެކަނި ރަށު ފެންވަރުގައި މި މުބާރާތް ބޭއްވި ނަމަވެސް ކުރިއަށް އޮތްތާނގައި އަތޮޅުގެ ރަށްރަށަށް ވެސް މި މުބާރާތް ހުޅުވައިލުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

ކުޅިވަރު މުބާރާތްތައް ހިންގުމުގެ އިތުރުން ކްލަބު ބުލޫ އީގަލްސްއަކީ ރަށުގެ އިޖުތިމާއީ ކަންކަމުގައިވެސް ހަރަކާތްތެރިވަމުން އަންނަ ކްލަބެކެވެ. އެގޮތުން އެކްލަބުގެ ފަރާތުން ވަނީ ޕާލޭ މޯލްޑިވްސްއާ ގުޅިގެން ރަށުގައި ހުސްފުޅި ނެގުމުގެ ހަރަކާތެއްވެސް ހިންގައިފައެވެ.