ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އަންނަ އޮގަސްޓްމަހުގެ އެކަކުން ފެށިގެން އަމަލު ކުރަން ފަށާާއިރު، ރާއްޖެއަށް އެތެރެ ކުރާ މުދަލަށް ޑިކްލަރޭޝަން ނިންމުމާއި ޑިއުޓީ ނެގުމުގައި އަމަލުކުރަން ހަމަޖެހިފައިވާ އުސޫލު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އާއްމު ކޮށްފިއެވެ.
އަންނަ މަހުގެ އެއްވަނަ ދުވަހުގެ 00:00 އިންފެށިގެން އެ އިސްލާހަށް އަމަލު ކުރަން ފަށާއިރު، ރާއްޖެ އެތެރެކޮށް، އިންވާޑް ކްލިއަރެންސް ނަގައިފައިވާ އުޅަނދު ފަހަރާއި، ކްލިއަރެންސް ނަގައިފައި ނުވާ އުޅަނދު ފަހަރުގައި ހުރި މުދަލާއި، ޑިކްލަރޭޝަން ނިންމާފައިވާ މުދަލާއި، އެ ވަގުތާ ހަމައަށް ޑިކްލަރޭޝަން ނިންމާފައި ނުވާ މުދަލާމެދު އަމަލު ކުރާނެ ގޮތް ވަނީ ހިމަނައިފައެވެ.
އެ އުސޫލުގައިވާގޮތުން، އެކެއް އޯގަސްޓް އެއްވަނަ ދުވަހުގެ 00:00 ގެ ކުރިން ރާއްޖެއައިސް އިންވާޑް ކްލިއަރެންސް ނަގައިފައިވާ އުޅަނދުތަކުން ގެނެސްފައިވާ މުދަލަށް އެވަގުތުގެ ކުރިން ޑިކްލަރޭޝަން ހުށަހަޅައިފައި ވާނަމަ އެޑިކްލަރޭޝަން ނިންމައިދިނުމުގައި ގާނޫނަށް ގެނެސްފައިވާ އިސްލާހަކަށް ނުބެލޭނެއެވެ. ނަމަވެސް އެވަގުތަށް އިންވާޑް ކްލިއަރެންސް ނަގައިފައި ނުވާ އުޅަނދުތަކުން ގެނެސްފައިވާ މުދަލަށް، އެވަގުތުގެ ކުރިން ހުށަހަޅާފައިވާ ޑިކްލަރޭޝަން ނިންމައިދިނުމުގައި ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެއްގޮތަށް އަމަލުކުރެވޭނެއެވެ.
އެ މުއްދަތަށް ކްލިއަރެންސް ނަގާފައި ނުވާ އުޅަނދުތަކުން ގެނެސްފައިވާ މުދަލަށް އެވަގުތުގެ ކުރިން ޑިކްލަރޭޝަން ހުށަހަޅައިފައިވުމާއެކު، ނިންމާފައިވާ ޑިކްލަރޭޝަންތައް، އަމަލުކުރަން ފަށާ ގާނޫނާ އެއްގޮތަށް އިސްލާހު ކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.
ހަމަ އެފަދަ އުޅަނދުތަކުން ގެނެސްފައިވާ މުދަލަށް އެވަގުތުގެ ކުރިން ޑިކްލަރޭޝަން ނިންމައި، ޑިއުޓީ ދައްކާފައި ވާނަމަ، އަމަލުކުރަންފަށާ ގާނޫނާ އެއްގޮތަށް އެ ޑިކްލަރޭޝަން އިސްލާހުކުރުމުން ޑިއުޓީއަށް އަންނަ އުނިއިތުރާ އެއްގޮތަށް ޑިއުޓީ ދެއްކުމަށް ނުވަތަ ރިފަންޑަށް އެދުމަށް އެންގޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
އެ މުއްދަތުގެ ކުރިން ބޮންޑެޑް ވެއާހައުސްއަށް ވައްދައިފައިވާ މުދަލަށް އެވަގުތުގެ ކުރިން ނިންމާފައިވާ ޑިކްލަރޭޝަނަށް ޑިއުޓީ ދެއްކުމަށްފަހު، އެރޭ 00:00ގެ ފަހުން ބޮންޑެޑް ވެއާހައުސްއިން މުދާ ނެރޭނަމަ، އަމަލުކުރަން ފަށާ ގާނޫނުގައިވާ ޑިއުޓީ ރޭޓާ އެއްގޮތަށް އެ ޑިކްލަރޭޝަން އިސްލާހު ކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
ކަސްޓަމްސްއިން ބުނީ، ގާނޫނަށް ގެނައި އިސްލާހާ އެއްގޮތަށް ޑިކްލަރޭޝަން ހުށަހެޅުމަށް ބޭނުންކުރާ އަސީކުޑާ ސިސްޓަމް ކޮންފިގާ ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މިމަހު 31 ވަނަ ދުވަހުގެ 6:00 ގައި، އެ ސިސްޓަމް މެދުވެރިކޮށް ދެވޭ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑައިލެވޭނެ ކަމަށެވެ. އަދި އެ ހިދުމަތް އަލުން ފަށާނީ، އަންނަމަހުގެ އެއްވަނަ ދުވަހުގެ 00:00 އިން ފެށިގެން ކަމަށްވެސް ބުނެފައި ވެއެވެ.
މާލޭ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ރަސްމީ ބަނދަރުތަކަށް އެތެރެކުރާ ތަކެތީގެ ތެރެއިން ދުންފަތުގެ ބާވަތްތަކާއި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތީގެ އިތުރުން ބަނގުރަލާއި އޫރުމަހާއި އެތަކެއްޗާއި ގުޅުން ހުރި ތަކެތި ފިޔަވައި އެހެން މުދަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް ކުޑަކުރަން ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވާފައިވަނީ މިމަހުގެ 23 ގައެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް
މޯލްޑިވްސް ކަސްޓަމްސް ސާވިސް
މޯލްޑިވްސް ކަސްޓަމްސް ސާވިސް