މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް (އެމްއެޗްސީއެލް)ގެ ފަރާތުން ރާއްޖޭގައި ކޮވިޑް 19 ޖެހިގެން ފަރުވާ ދެމުން އަންނަ ބަލި މީހުންނަށް ޒަމްޒަމް ފެން ހަދިޔާކޮށްފިއެވެ.

އެމްއެޗްސީއެލްއިން ބުނީ، ޒަމްޒަމް ފެން ބަލި މީހުންނަށް ދިނުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ރެޑްކްރެސެންޓް މެދުވެރިކޮށް ކަމަށެވެ. އަދި ބަލި މީހުންނަށް ދިނުމަށް ޒަމްޒަމް ފެން ރެޑްކްރެސެންޓާ މިއަދު ހަވާލުކޮށްފައިވާ ކަމަށްވެސް އެމްއެޗްސީއެލްއިން ބުނެއެވެ.

އެމްއެޗްސީއެލްގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދު ވިދާޅުވީ، ޒަމްޒަމް ފެނަކީ ބަލިތަކަށް ޝިފާއެއްގެ ގޮތުގައި ބޭނުންކުރެވޭ ފެނަކަށްވުމުން މިފަދަ ނާޒުކު ދަނޑިވަޅެއްގައި ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ޒަމްޒަމް ފެނުގެ ޒަރީއާއިން ކޮންމެވެސް ވަރެއްގެ ޝިފާއެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"ދުއާއަކީ ޒަމްޒަމް ފެނުގެ ބަރަކާތުން މި ބަލި (ކޮވިޑް 19) ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް މާތްﷲ އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުން،" ހަމީދު ވިދާޅުވިއެވެ.

އެމްއެޗްސީއެލްގެ ކޯޕަރޭޓް އެފެއާޒް މެނޭޖަރު އައިޝަތު ގާހިރު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބަލި މީހުންނަށް ދިނުމަށް ރެޑްކްރެސެންޓާ ހަވާލުކޮށްފައިވަނީ 164 ފުޅި ޒަމްޒަމް ފެން ކަމަށެވެ.