މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވި، އައިޝަތު ޒާހިރާ އެކަމަނާގެ ދައުރު ފުރިހަމަކުރައްވައި މަގާމުން ވަކިވެވަޑައިގެންފިއެވެ.

އެމްއެމްއޭ އުފެދުނީއްސުރެ ހިދުމަތް ކުރައްވަމުން ވަޑައިގެންނެވި، ޒާހިރާ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން ވަކިވެވަޑައިގެންފައިވަނީ ހަ އަހަރުގެ ދެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހުއެވެ.

އެމްއެމްއޭގެ ގާނޫނުގައިވާ ގޮތުން ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވޭނީ ދެ ދައުރެވެ. ޑެޕިއުޓީ ގަވަރުނަރަކީ ރައީސުލްޖުމްހޫރިއްޔާ ނަން ހުށަހަޅުއްވައި ރައްޔިތުން މަޖިލީހުން ފާސްކޮށްގެން އައްޔަން ކުރާ މަގާމެކެވެ.

ޑެޕިއުޓީ ގަވަރުނަރުގެ ޒާހިރާ މަގާމުގެ ދައުރު ފުރިހަމަކުރެއްވުމާ ގުޅޭގޮތުން އެމްއެމްއޭ އިން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ އެކަމަނާ އެ އޮތޯރިޓީގައި 31 އަހަރު ހިދުމަތް ކުރައްވާފައިވާ ކަމަށާއި އެކަމަނާގެ ހިދުމަތުގެ އަގު ވަޒަންކުރައްވައި ޝުކުރު އަދާކުރާ ކަމަށެވެ.