ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް އިން ހިންގި އަލިދޫ ރިސޯޓުގެ އިންޝުއަރެންސް ކްލެއިމް ނުދީ ލަސްވިކަމަށް ބުނެ، ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ޔޮޓް ޓުއާސްއިން އެލައިޑް އިންޝުއަރެންސްއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފިއެވެ.
ޔޮޓް ޓުއާސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެލައިޑް އިންޝުއަރެންސްގެ ފަރާތުން ޔޮޓް ޓުއާސްއަށް ވިއްކާފައިވާ 50 މިލިއަން ޑޮލަރުގެ ފަޔާ އިންސުއަރެންސް ޕޮލިސީއެއްގެ ދަށުން ހއ. އަލިދޫ ރިސޯޓު އިންޝުއާ ކޮށްފައިވާ ކަމަށެވެ. އަދި ކުރިމަތިިވި ގުދުރަތީ ކާރިސާއެއްގައި ރިސޯޓަށް ލިބިފައިވާ ގެއްލުންތަކާ ގުޅިގެން ހުށަހެޅި ކްލެއިމް، އެލައިޑުން އެއްކޮށް ރިޖެކްޓު ކުރުމުން 64 މިލިއަން ޑޮލަރު އިންވެސްޓުކޮށްގެން ހިންގަމުންދިޔަ 200 އެނދުގެ އެ ރިސޯޓުގެ އޮޕަރޭޝަން ހުއްޓިފައިވާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ބުނެފައިވެއެވެ.
ރިސޯޓުން އެއްވެސް ފައިދާއެއް ނުވެ ފަސް އަހަރަށްވުރެ ގިނަ ދުވަސްވެ، އެ މައްސަލައިގައި ޔޮޓް ޓުއާސްގެ ފަރާތުން ދައުވާ ކުރަނީ އެލައިޑްއާއި އެ ކުންފުންޏާ ދެމެދު އޮތް "ފަޔާ އިންޝުއަރެންސް ޕޮލިސީ"އާ އެލައިޑް އިން ހިލާފުވެ، އެ ހިލާފުވުން މަތީ ދެމިތިބުމުގެ ސަބަބުން ކަމަށް ޔޮޓް ޓުއާސް އިން ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ. އަދި މި މައްސަލައިގައި އެލައިޑުން ކަންކުރި ގޮތުގެ ސަބަބުން ޔޮޓް ޓުއާސްއަށް ލިބިފައިވާ އެންމެހާ ގެއްލުންތަކުގެ ބަދަލު ދޭންޖެހޭނެކަން ކޮންޓްރެކްޓާ ބެހޭ ގާނޫނުން އެނގެން އޮތްކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ މައްސަލައިގައި ބުނީ، 2014 ވަނަ އަހަރުގެ އޮގަސްޓް 30 އިން ސެޕްޓެމްބަރު މަހުގެ 15 އަށް ކުރި ވިއްސާރައާ ގުޅިގެން އަލިދޫ ރިސޯޓަށް 22.7 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށާއި އެ ގެއްލުމަކީ ގުދުރަތީ ކާރިސާއެއްގެ ސަބަބުން ލިބުނު ގެއްލުމަކަށްވެފައި، އެލައިޑުން އަލިދޫ ރިސޯޓް އިންސުއާކޮށްފައިވާއިރުވެސް އެކަމަށް ޒިންމާނުވެ ދެފަރާތުން ހަދާފައިވާ ކޮންޓްރެކްޓާ ހިލާފުވެފައިވާ ކަމަށެވެ. އެހެންކަމުން ޔޮޓް ޓުއާސް އިން އެދިފައިވަނީ އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެލައިޑް އިންޝުއަރެންސް އިން 115.5 މިލިއަން ޑޮލަރު ނަގައިދިނުމަށް އެދިފައިވެއެވެ.
ޔޮޓް ޓުއާސް އިން ވަނީ މި ގެއްލުމުގެ ބަދަލު އެ ކުންފުންޏަށް ލިބެންދެން އެލައިޑް އިންޝުއަރެންސް އާއި އެ ކުންފުނީގެ ބެލެނިވެރި ކުންފުނި، އެސްޓީއޯގެ ބޭންކް އެކައުންޓުތައް ފްރީޒް ކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އެދިފައެވެ.
ޔޮޓް ޓުއާސްއަށް 22.78 މިލިއަން ޑޮލަރު (351 މިލިއަން ރުފިޔާ) ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓުން ވަނީ އާދިއްތަ ދުވަހު ހުކުމްކޮށްފައެވެ.
ސިވިލް ކޯޓުން މި ހުކުމް ކުރީ ޔޮޓް ޓުއާސްގެ ހއ. އަލިދޫ ރިސޯޓް އެލައިޑްގައި އިންޝުއާކޮށް އިންޝުއަރެންސް ޕްރީމިއަމްގެ ގޮތުގައި އެލައިޑަށް ދައްކަން ޖެހޭ ފައިސާ ދައްކާފައި ވަނިކޮށް 2014 ވަނަ އަހަރު މޫސުން ގޯސްވެ، އެ ރިސޯޓަށް ލިބިފައިވާ ގެއްލުންތަކަށް 22،784،837.59 މިލިއަން ޑޮލަރު ހޯދަން ހުށަހެޅުމުން، އެ ފައިސާ ދޭން ނުޖެހޭ ކަމަށް އެލައިޑުން ނިންމުމުން ޔޮޓް ޓުއާސް އިން ދައުވާކުރުމުންނެވެ.
ޔޮޓް ޓުއާސް އިން ކުރިން އެ މައްސަލައިގައި ދައުވާ ކުރުމުން ސިވިލް ކޯޓުން ވަނީ އެ މައްސަލަ ނުބެލޭނެ ކަމަށް ނިންމައިފައެވެ. ނަމަވެސް ޔޮޓް ޓުއާސް އިން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ސިވިލް ކޯޓުން އަލުން އެ މައްސަލަ ބެލުމަށް އަމުރުކޮށްފައެވެ. އެ ހުކުމް އެލައިޑްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެކޯޓުން ވެސް ވަނީ ހައިކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ.
އެ މައްސަލަ އަލުން ބެލުމަށްފަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، އަލިދޫ ރިސޯޓަށް މޫސުމީ ގޮތުން ލިބުނު ގެއްލުންތަކަކީ ޔޮޓް ޓުއާސް އާއި އެލައިޑާ ދެމެދު ސޮއިކޮށްފައިވާ ފަޔާ އިންޝުއަރެންސް ޕޮލިސީގެ ދަށުން ރައްކާތެރިކަން ލިބެން ޖެހޭ ނުރައްކަލުން ވެފައިވާ ގެއްލުންތަކެއް ކަމަށެވެ.
އެ އިންޝުއަރެންސް ޕޮލިސީގެ ދަށުން ޔޮޓް ޓުއާސްއަށް އިންޝުއަރެންސް ކްލައިމްގެ ގޮތުގައި ބަދަލުދޭން ޖެހޭ ގެއްލުންތަކެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުވާ ކަމަށާއި އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 22،784،837.59 މިލިއަން ޑޮލަރަކީ އެލައިޑުން ދޭންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ސާބިތުވެފައިވާ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.
ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު ސޮއިކުރައްވާފައިވާ ހުކުމުގައި ބުނީ އެ ފައިސާ އާދިއްތަ ދުވަހުން ފެށިގެން ހަމަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރުމަށް ހުކުމް ކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު