ނަޒާހަތްތެރިކަމަށް ފުށުއަރާ އެއްވެސް އަމަލެއް އެއްވެސް މިންވަރަކަށް ބަލައިނުގަންނާނެ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބުދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، ކަސްޓަމްސްގެ ހިދުމަތަށް 130 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.

ޝަރީފް ވިދާޅުވީ، ކަސްޓަމްސް ހިދުމަތުގެ 131 އަހަރަށް ކުރިމަތިލާއިރު، އެމުއައްސަސާ ނަގަހައްޓަމުން އައި މުހިއްމު އަގުކުރުންތަކާއި ފުށުއަރާ ބައެއް އަމަލުތައް ހިނގާފައިވުމަކީ ސަމާލުވާން ޖެހޭކަމެއް ކަމަށެވެ.

އެހެންކަމުން ތެދުވެރިކަމާއި އަމާނާތްތެރިކާމާއެކު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުންމަތީ ދެމިތިބުމަށް ކަސްޓަމްސްގެ ހުރިހާ މުވައްޒިފުންނަށް ކޮމިޝަނާ ޖެނެރަލް ވަނީ އިލްތިމާސް ކުރައްވައިފިއެވެ. އަދި އެއީ ނަޒާހަތްތެރި މުވައްސަސާއެއްގެ ގޮތުގައި ބޭއްވުމަށް ކުރާ މަސައްކަތްތަކަށް ކަސްޓަމްސްގެ ހިދުމަތް ހޯއްދަވާ ފަރާތްތަކުގެ އެހީތެރިކަމަށް އެވިވަޑައިގަންނަވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ކޮމިޝަނާ ޖެނެރަލް ވިދާޅުވީ ވޭތުވެދިޔަ އަހަރަކީ، ކަސްޓަމްސްގެ ކުރިއެރުމަށާއި، ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށެވެ.

"ކަސްޓަމްސްގެ ހިދުމަތް ހަލުވިކޮށް ލުއި ފަސޭހަކުރުމަށް މުހިއްމު ކާމިޔާބުތަކެއް ހޯދުނު އަހަރެއް، މިގޮތުން ހާސިލު ކުރެވުނު ލަނޑުދަނޑިތަކުގެ ތެރޭގައި ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށް ކަސްޓަމްސްގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވައިލުމާއި މަސްތުވާތަކެއްޗާއި އެހެނިހެން މަނާތަކެތި އެތެރެވުން ހުއްޓުވުން ހަރުދަނާ ކުރުމުގައި ގްލޯބަލް ޓްރެވަލް އެސެސްމެންޓް ގާއިމް ކުރުމާއި އެންޓަޕޯލާއެކު މައުލޫމާތު ހިއްސާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ،" ޝަރީފް ވިދާޅުވިއެވެ.

ފާއިތުވި އަހަރަކީ މަސްޓަމްސް މުވައްޒަފުންގެ ކުރިއެރުމަށާއި ތަރައްގީއަށް މުހިއްމު މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށާއި، ފާހަގަ ކޮށްލެވޭ މުހިއްމު ކާމިޔާބުތަކުގެ ތެރޭގައި މުވައްޒަފުން ތަމްރީނު ކުރުމުގެ ގޮތުން އިންޑިއާ ސަރުކާރާއެކު އެބަސްވުމެއްގައި ސޮއިކުރުމާއި ހަ އަހަރު ދުވަހަށްފަހު ކަސްޓަމްސްގެ 400 އަށްވުރެ ގިނަ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން ހިމެނޭކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފް ވަނީ ކޮވިޑް 19 ގެ ނާޒުކު ހާލަތުގައި ހުއްޓުމެއްނެތި މެދުނުކެނޑި ކާބޯތަކެއްޗާއި މުދަލާއި ސިއްހީ އާލާތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރި މަސައްކަތްތަކާއި، ކޮވިޑުގެ ކަންތަކުގައި ފްރަންޓްލައިންގައި މަސައްކަތްކުރި އެ ސާވިސްގެ މުވައްޒަފުންނަށާއި، އޮފިސަރުންނަށް ޝުކުރު އަދާކުރައްވައިފައެވެ.