ރާއްޖޭގެ ހުރިހާ ރަށްތަކަށް އުދަ އަރާނެކަމަށް ލަފާކޮށް އެލާޓް ނެރެފިއެވެ.
މިއަދު ހެނދުނު 10:45 އިން ހަވީރު 15:00 އާ ދެމެދަށް ނެރެފައިވާ ވައިޓް އެލާޓް ގައި ގައުމީ މޫސުމާ ބެހޭ އިދާރާއިން ވަނީ ކަނޑު ގަދަވާ ވަގުތުތަކުގައި ރާއްޖޭގެ އުތުރުން ހއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ހުރިހާ ރަށްތަކަށް އުދަ އަރައިފާނެކަމަށް ލަފާކުރެވޭ ކަމަށް ބުނެފައެވެ.
ރާއްޖޭގެ މޫސުން ކުރިޔަށް ލަފާ ކުރެވޭ ގޮތަށް ބަލާއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ހުޅަނގު އުތުރާއި އުތުރުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިޔަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ގަޑިޔަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ. ވިލާގަނޑުގައި ގަޑިޔަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ކަނޑުތައް އުތުރާއި މެދުރާއްޖެތެރޭގައި ގަދަ ވާނެ ކަމަށާއި ދެކުނުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ވެސް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
އެމްއެންޑީއެފުން ވަނީ މޫސުން ގޯސްވެ ކަނޑުމަތީ ތަފާތު ހާދިސާތައް ހިނގަމުންދާކަމަށް ބުނެފައެވެ. އަދި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް ވަނީ ނަސޭހަތް ތެރިވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު