ތެލެސީމިއާ ސެންޓަރަށް ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް އެސްޓީއޯ އިން މިއަދު ބާއްވައިފި އެވެ.

އެސްޓީއޯ އިން ބުނީ، އެ ކުންފުނީގެ ރެކްރިއޭޝަން ކުލަބް (ސްޓޯކް) އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި ކުންފުނީގެ ބޯޑުގެ މެންބަރުންނާއި މެނޭޖްމަންޓުގެ އިސްވެރިން ހިމެނޭ ގޮތަށް 90 އަށްވުރެ ގިނަ މީހުން ލޭ ހަދިޔާ ކުރި ކަމަށެވެ.

މިއީ ކޮވިޑް-19 އަށްފަހު ސްޓޯކުން ހިންގި މިފަދަ ފުރަތަމަ އިޖްތިމާއީ ހަރަކާތެވެ.

ސްޓޯކުން ބުނި ގޮތުގައި، ކޮވިޑާ ގުޅިގެން އެ ކުލަބުން ހިންގާ އިޖްތިމާއީ ހަރަކާތްތައް މަދުވެފައި އޮތްނަމަވެސް، މި ކޭމްޕަކީ ކޮވިޑާ ގުޅިގެން ތެލެސީމިއާ ސެންޓަރަށް ލޭ ލިބުން ދަތިވެފައިވާތީ ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ތެލެސީމިއާ ސެންޓަރަށް ލޭ ލިބުން ދަތިވެފައިވާތީ، އާންމުންގެ ފަރާތުން ލޭ ހަދިޔާ ކުރުމަށް އެ ސެންޓަރުން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.