ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގެ ނަރުހުން ލާ ޔުނިފޯމް ބަދަލުކޮށްފިއެވެ.
މީގެ ކުރިން އެންމެ ފަހުން އައިޖީއެމްއެޗު، ނަރުހުންގެ ޔުނީފޯމު ބަދަލު ކޮށްފައިވަނީ މެއި 12، 2018 ގަ އެވެ. ވިލު ނޫކުލައިގެ އެ ޔުނީފޯމުގައި ހުދު ކުލަ އާއި ވިލު ނޫކުލައިގެ މާތަކެއް ޖަހާފައިވެ އެވެ.
ނަރުހުންގެ އާ ޔުނީފޯމަކީ ވެސް ނޫކުލައިގެ ޔުނީފޯމެކެވެ. ނަމަވެސް އެއްވެސް ޑިޒައިނެއް ނުހުރެއެވެ. އާ ޔުނީފޯމުގެ އަތް ދިގުވެފައި، ކުރިން އަޅަންޖެހޭ ވަށް ބުރުގާގެ ބަދަލުގައި ޝޯލް އެޅޭނެއެވެ.
އައިޖީއެމްއެޗުން ބުނީ، ނަރުހުންނާއި ޔުނިފޯމް ލާންޖެހޭ އެހެނިހެން މުވައްޒަފުންގެ ޔުނިފޯމަކީ ހޮސްޕިޓަލުގެ ހަރަދުގައި އަހަރަކު އެއް ފަހަރު ފޯރުކޮށްދޭން ޖެހޭ އެއްޗެއް ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ 2018 ވަނަ އަހަރުން ފެށިގެން ނަރުހުންނަށް ޔުނިފޯމު ފޯރުކޮށްދެވިފައި ނުވާ ކަމަށާއި މިހާރު ދީފައިވާ ޔުނިފޯމަކީ މިދިޔަ އަހަރު ހަވާލުކުރަން ކަނޑައަޅާފައިވާ ޔުނިފޯމުތަކެއް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
އައިޖީއެމްއެޗުން ބުނީ، މިއަދު ބޭނުން ކުރަން ފެށި އާ ޔުނިފޯމަކީ ނަރުހުންގެ އިތުރުން ދާއިރާގެ އެކި ފަރާތްތަކާ ކުރެވުނު މަޝްވަރާގެ މަތިން، ފަރުމާކޮށްފައިވާ ޔުނިފޯމެއް ކަމަށެވެ. އަދި ކުރީގެ ޔުނީފޯމަށް ލިބިފައިވާ ޝަކުވާތައް ހައްލުވެ، ރަނގަޅު އަދި މުވައްޒަފުންނަށް ފަސޭހަ ޔުނީފޯމަކަށް އާ ޔުނީފޯމް ވެގެންދާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
އައިޖީއެމްއެޗުން އިތުރަށް ބުނީ، ކުރިން ނަރުހުންގެ ޔުނިފޯމު އައުޓްސޯސް ކޮށްގެން ފެހުމުގެ ސަބަބުން ބޮޑު ހަރަދެއް ކުރަންޖެހޭއިރު އާ ޔުނިފޯމަކީ ރާއްޖެއިން ބޭރުން ފޮތި ގެނެސްގެން، އަމިއްލައަށް ފަހާފައިވާ ޔުނިފޯމެއް ކަމަށެވެ. އެހެންކަމުން ޔުނިފޯމުގެ ކަންކަމަށް ދައުލަތުން ކުރަމުން އައި ހަރަދުން ގިނަ އަދަދެއްގެ ފައިސާ ސަލާމަތްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު