އެމެރިކާގެ އާމީގެ ގްރީން ބެރޭޓް ޓީމުން އަންހެނަކަށް ފުރަތަމަ ފަހަރަށް ފުރުސަތު ލިބިއްޖެއެވެ.

އެމެރިކާގެ އާމީގެ އެލީޓް ސްޕެޝަލް ފޯސްގެ ޓްރޭނިން ފުރިހަމަ ކުރުމަށްފަހު އެގައުމުގެ އާމީގައި އޮންނަ ވަރުގަދަ ގްރީން ބެރޭޓް ޓީމުން ފުރުސަތު އަންހެނަކަށް ލިބުމާއެކު މިވަނީ ތާރީހުގައި ފުރަތަމަ ފަހަރަށް މިފުރުސަތު އަންހެނަކަށް ލިބުނު ފަހަރަށް ވެފައެވެ.

ނޯތު ކެލޮރީނާގައި 400 ސިފައިންނާއެކު ކުރިޔަށް ދިޔަ އާމީގެ ސްޕެޝަލް ފޯސްގެ ޓްރޭނިން ފުރިހަމަ ކުރި އަންހެން މީހާގެ އެއްވެސް މައުލޫމާތެއް އާންމުކޮށް ހާމަކޮށްފައެއް ނުވެއެވެ.

ގުރެޖުއޭޝަންގައި ވާހަކަ ދައްކަމުން އެމެރިކާ އާމީގެ ލެފްޓިނެންޓު ޖެނެރަލް ފްރެން ބައުޑެޓް ވަނީ މިއީ ތާރީހީ ދުވަހެއް ކަމަށާއި 1950ގެ ގައި އުފެދުނު ގްރީން ބެރޭޓް ޓީމަށް އައި ބޮޑު ބަދަލެއް ކަމުގައި ބުނެފައެވެ.

ގްރީން ބެރޭޓް ޓީމަކީ އެމެރިކާގެ އާމީގެ އެންމެ ވަރުގަދަ އަދި ބޮޑެތި އޮޕަރޭޝަންތައް ހިންގާ ޓީމެވެ.