ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީ ޓީވީގެ ހިދުމަތް ކަމަށްވާ، ދިރާގު ޓީވީއަށް ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު އިންޑިއާގެ ޓީވީ ޗެނަލްތައް ކަމަށްވާ "ސްޓާ"ގެ ޗެނަލްތައް ތައާރަފުކޮށްފިއެވެ.
ދިރާގުން ބުނީ މިއަދުން ފެށިގެން ދިރާގު ޓީވީގެ ކަސްޓަމަރުންނަށް ސްޓާ އިންޑިއާ ނެޓްވޯކްގެ މަޝްހޫރު ހުރިހާ ޗެނަލްތައް ބަލާލެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ސްޓާ ޕްލަސް، ސްޓާ ގޯލްޑް، ސްޓާ ބާރަތް، ސްޓާ ޖަލްޝާ، ސްޓާ ވިޖޭ އަދި އޭޝިއާނެޓް ހިމެނެއެވެ.
ދިރާގުން ބުނީ ސްޓާ ޗެނަލްތަކުގެ މަޝްހޫރު ޓީވީ ޑްރާމާ ސިލްސިލާތަކާއި ރިއަލިޓީ ޝޯ ތަކާއި އެންމެ ފަހުގެ ބޮލީވުޑް ބްލޮކްބަސްޓާ ފިލްމުތައް ދިރާގު ޓީވީއަށް އަންނާނެ ދުވަހަކަށް އިންތިޒާރުކޮށްގެން ތިބި ހުރިހާ ފޭނުންނަށް މިއަދު ވެގެންދާނީ ވަރަށް އުފާވެރި ދުވަހަކަށް ކަމަށެވެ. ހާއްސަކޮށް ކޮވިޑް 19އާ ގުޅިގެން މެދުކެނޑިފައިވާ ސްޓާ ޕްލަސް އަދި ސްޓާ ބާރަތުގެ ޑްރާމާ ސިލްސިލާތައް މި އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން އަލުން ފެށުމުގެ އުފާވެރި ހަބަރާއެކު މިކަން ވެގެންދާނީ ދިރާގު ޓިވީ އަދި ސްޓާ ނެޓްވޯކުގެ ފޭނުންގެ ދިގު އިންތިޒާރުގެ ފޮނި ނިމުމަކަށް ކަމަށް ދިރާގުން ބުނެއެވެ.
ސްޓާ ނެޓްވޯކް ދިރާގު ޓީވީއަށް އައުމާ ގުޅިގެން ދިރާގު ޗީފް މާކެޓިން އޮފިސަރު މަހްމޫދު ދަސާ ވިދާޅުވީ، ދިރާގު ޓީވީއަށް ސްޓާ ނެޓްވޯކްގެ ޗެނަލްތައް އައުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. ސަބަބަކީ ސްޓާގެ ޗެނަލްތަކަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ޗެނަލްތަކަކަށްވެފައި، ސްޓާ ނެޓްވޯކް ފަދަ ބޮޑު ޗެނަލަކާ ގުޅުމުން ދިރާގު ޓީވީން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކޮންޓެންޓް އިތުރަށް މުއްސަނދިވެ ތަރައްގީވާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓާ އިންޑިއާގެ ސްޕޯކްސްޕާސަން ވިދާޅުވީ، ދިރާގު ޓީވީއާ ގުޅިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ސްޓާގެ ޗެނަލްތައް ފޯރުކޮށްދެވުމަކީ ވަރަށް އުފާކުރާކަމެއް ކަމަށާއި ދިރާގު ޓިވީ ކަސްޓަމަރުން ސްޓާ އިން ފޯރުކޮށްދޭ ޗެނަލްތަކާއި، ބޮލްކްބަސްޓާ ފިލްމުތަކުގެ އިތުރުން ޑްރާމާ ސިލްސިލާތަކަކީ ދިވެހިން ގަޔާވާ އަދި ކަމުދާނެ ޕްރޮގުރާމްތަކަށް ވެގެންދާނެ ކަމަށެވެ.
ސަތޭކައަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ 73 އިންސައްތަ ގޭބިސީއަށް މިހާރު ޓީވީ ހިދުމަތް ވަނީ ދިރާގުން ފޯރުކޮށްދީފައިއެވެ. އޭގެ ތެރޭގައި 53 ރަށް ހިމެނެއެވެ. މީގެ ތެރޭގައި ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ވަނީ ފޯރުކޮށްދީފައިއެވެ.
ދިރާގުން މަސައްކަތް ކުރަމުން އަންނަނީ ދިރާގު ޓީވީން ހަބަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމައަށް ފަސޭހަކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކަމަށް އެކުންފުނިން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު