މީޑިއާތައް ޖޫރިމަނާކުރަން ގަވައިދެއް އެކުލަވައިލަން ރައްޔިތުންގެ މަޖިލީހުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް އެންގުމަކީ ބިރުދެއްކުމުގެ އަމަލެއް ކަމަށް ރާއްޖޭގެ މީޑިއާތަކުގެ އެޑިޓަރުން ބުނެފިއެވެ.

މީޑިއާތައް ޖޫރިމަނާކުރަން ގަވައިދެއް އެކުލަވައިލަން މަޖިލީހުން މީޑިއާ ކައުންސިލަށް އެންގުމާ ގުޅިގެން "އެޑިޓާސް ގިލްޑް"ގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ އެޑިޓަރުން ވަނީ ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަންގެ ސީއީއޯ އަދި އެޑިޓަރު ސިނާން އަލީ ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި ގަވައިދެއް އެކުލަވާލުމަށް މަޖިލީހުން އެންގުމުން އެކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި މީޑިއާ ކައުންސިލުގައި މީޑިއާތަކުގެ މައްސަލަތައް ބެލުމަށް ކޮމިޓީތައް އެކުލަވާލެވި، ގަވައިދުތައް އެކުލެވި، އުސޫލުތައް ހަމަޖެހިފައި ހުންނާނެ ކަމަށް ވެސް ސިނާން ވިދާޅުވިއެވެ.

"ޝޯޓް ނޯޓިސްއެއްގައި މިކަން ކުރަން އެމްއެމްސީއަށް މި އެންގެވީ ކީއްވެގެންތޯ، މިއީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއް. މީޑިއާ ކައުންސިލުން މީޑިއާ ރެގިއުލޭޓުކޮށް، މީޑިއާއަކަށް ދިމާވާ ކަމެއް އޮވެއްޖެއްޔާ މީޑިއާ ކައުންސިލުގެ ފުރާޅުގެ ދަށަށް ފޯލުވާ މީޑިއާތަކުގެ މައްސަލަތައް ބެލުމުގެ އުސޫލުތައް ހުންނާނެ ހަމަޖެހިފައި. އަޅުގަނޑުމެން އެޑިޓަރުން ގަބޫލުކުރާ ކަމެއް ނޫން ރައްޔިތުންގެ މަޖިލީހުން މިވެނި މައްސަލައެއް ބަލައި، އެވެނި މައްސަލައަކަށް ފިޔަވަޅު އަޅައި، މިފަދަ އިންސްޓްރަކްޝަންތައް މީޑިއާ ކައުންސިލަށް ދެވިގެންވާނެ ކަމަށް. އެކަން އަޅުގަނޑުމެންނަށް މާނަކުރެވެނީ އެއީ ބިރުދެއްކުމުގެ އަމަލެއްގެ ގޮތުގައި،" ސިނާން ވިދާޅުވިއެވެ.

ސިނާން ވިދާޅުވީ އެއްވެސް ހާލެއްގައި މީޑިއާ ކައުންސިލުން މިވެނި މީޑިއާއެއްގެ މައްސަލަ ބަލަން ނުވަތަ އެވެނި މީޑިއާއެއްގެ މައްސަލަ ބަލަން އެންގިގެން ނުވާނެ ކަމަށާއި މީޑިއާ ކައުންސިލުން އެކަން ކުރާނެ ކަމަށެވެ. އަދި މީޑިއާއަކުން ވެސް މީޑިއާގެ އެތިކްސްއާ ހިލާފަށް އެ އޮންނަ އުސޫލުތަކުގެ ބޭރުން ކަންކަން ކުރާ ކަމަށްވަންޏާ، އެކަންތަކާ ދޭތެރޭ އުސޫލުގެ ތެރެއިން ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް މިއަދު ސިޓީއެއް މި އާންމުކުރައްވަނީ މި ސިޓީގައި މި އޮންނަނީ މެންދުރު ކިޔާ ނޫހެއްގައި ޖަހާފައި އޮތް ރިޕޯޓެއް އަކުރުން އަކުރަށް ޗެނަލް 13 އިން ރިޕީޓުކޮށް ދައްކަމުންދާތީ މި މައްސަލަ ފާހަގަކޮށްފައި، ހުށަހެޅިފައި އޮތް ޝަކުވާއެއްގެ ގޮތުގައި ބަލަމުންދާ ވާހަކަ. މީޑިއާއަކުން ވެސް މީޑިއާގެ އެތިކްސްއާ ހިލާފަށް އެ އޮންނަ އުސޫލުތަކުގެ ބޭރުން ކަންކަން ކުރާ ކަމަށްވަންޏާ، އެކަންތަކާ ދޭތެރޭގައި ފިޔަވަޅު އެޅެން ޖެހޭނެ، ބެލެން ޖެހޭނެ. އެކަން އަޅުގަނޑުމެން ގަބޫލުކުރަން. އެހެންނަމަވެސް އަޅުގަނޑުމެންގެ ވާހަކައަކީ އެކަން ހަމަޖެހިފައި އެބަހުއްޓޭ އުސޫލުތަކެއް ރާއްޖޭގައި. ގާނޫނުގެ ތެރެއިން ހަމަޖެހިފައި އޮތް އުސޫލުތަކެއް އެބަހުއްޓޭ. އެ އުސޫލުތަކުގެ ތެރެއިންނޭ އެކަންކަން ހިނގަން ޖެހޭނީ. އޭގެ ބޭރުން ބިރުދެއްކުމުގެ އަމަލެއްގެ ގޮތުގައި މިކަން ކުރެވިގެން ނުވާނެ،" ސިނާން ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ސަން މީޑިއާގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ މިވެނި ދުވަހެއްގެ، މިވެނި ގަޑިއެއްގެ ކުރިން މީޑިއާ ކައުންސިލުގެ ގަވައިދަށް އެ ބަދަލު ގެނެސް، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އެންގުމުން މީޑިއާ ކައުންސިލުގެ މާނައެއް ނެތް ކަމަށެވެ. އަދި އެއްވެސް ބަޔަކު، އެއްވެސް ބޭފުޅަކު، އެއްވެސް ކޮމިޓީއަކުން، ރައްޔިތުންގެ މަޖިލީހުން އަދި އެއްވެސް ފަރާތަކުން ވެސް ނުފޫޒު ފޯރުވައިގެން މީޑިއާ ކޮންޓްރޯލުކުރަން ނޫނީ މީޑިއާގެ ކަންތައްތަކުގައި ތަޅު އަޅުވަން މަސައްކަތްކުރާ ކަމަށްވަންޏާ އެކަމަށް އިހުތިޖާޖުކުރާނެ ކަމަށް ޒާހިރު ވިދާޅުވިއެވެ.

"މީޑިއާގެ ހައްގުގައި އަޅުގަނޑުމެން އަބަދުވެސް ވަކާލާތުކުރާނަން. މީގައި މި ނުކުންނަ މައްސަލައަކީ އެންމެ މައްސަލައެއް. ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ރޭޕް ވިއްޔާ ރޭޕް، ގޯނާކުރުން ވިއްޔާ ގޯނާކުރުން، އެކަމެއްގެ މައްސަލަ މިއުޅެނީ. އޭގައި ހިމެނޭ މީހުންގެ މައްސަލަ އެއްގޮތަކަށް ވެސް އެކްސްޕޯސްވާ ތަނެއް ވެސް ނުފެނޭ. އޭގެ ނުއަތު ފަރާތުން ގޮސް ވިކްޓިމް މާބޮޑަށް އެކްސްޕޯސް ވަނީޔޯ، އޭނާގެ ހައްގުތައް ގެއްލެނީޔޯ، އެގޮތަށް މި ވާހަކަދައްކަނީ. ބައެއް މީޑިއާތަކުން މިކަން ތަފާތު ގޮތްގޮތަށް ރިޕޯޓުކޮށްގެން ދިޔަ ތަން ވެސް އަޅުގަނޑުމެންނަށް ފެނިއްޖެ. ދެން މި ބުނަނީ އޭގައި ވަކި މީޑިއާއަކުން ޖަހައިފިއްޔާ އެއީ ދޮގޭ. އަނެއް ބައި މީޑިއާތަކުން ޖަހައިފިއްޔާ އެއީ ތެދޭ. ކިހިނެއް އެ ޑިފައިން ކުރާނީ؟،" ޒާހިރު ވިދާޅުވިއެވެ.

ޒާހިރު ވިދާޅުވީ ބްރޯޑްކޮމް އިން ވެސް ބްރޯޑްކާސްޓިން މީޑިއާތަކަށް ސިޓީތަކެއް ނޫނީ ބަޔާނެއް ނެރެފައި ސަފާރީގައި ރޭޕްކުރި ކަމަށް ބުނާ މައްސަލައިގެ ހަބަރުތައް ބްރޯޑްކާސްޓު ކުރާ ކަމަށްވަންޏާ، އެ މައްސަލަ ބަލާ ވާހަކަ އަންގާ ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމަށް ނޫން ކަމަށެވެ. އަދި މީޑިއާތަކަށް މީޑިއާގެ މިނިވަންކަން އޮންނަންވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި އަވަސްގެ ޗީފް އެޑިޓަރު މުންޑޫ އާދަމް ހަލީމް ވިދާޅުވީ މިދިޔަ ސަރުކާރުގެ ތެރޭގައި ވެސް ނޫސްވެރިންނަށް އަދި މީޑިއާއަށް މައުލޫމާތު ހޯދައި ލިބިގަތުމާއި މައުލޫމާތު ފެތުރުމުގައި ދަތިތައް ހުރި ކަމަށާއި އެކަން އެހެން އޮއްވައި އަބުރާ ބެހޭ ގާނޫނެއް ތަފާތުގޮތަކަށް އިސްލާހުކުރެވިގެން ގެނެސް، އަމަލުކުރަން ފެށި ތަން ފެނިގެންދިޔަ ކަމަށެވެ. މި ސަރުކާރު އައުމާއެކު އެކންކަން ނިމިގެންދާނެ ކަމަށް ހީކުރެވުނު ކަމަށް ވެސް އާދަމް ހަލީމް ވިދާޅުވިއެވެ.

"ނޫސްވެރިންނަށް ޖިނާއީ ދައުވާކުރަން ރޭވިގެންދިޔަ މަންޒަރު ފެނިގެންދިޔައީ. އަޅުގަނޑުމެން ހީކޮށްގެން ތިބީ މި ސަރުކާރާ އެކީގައި އެކަންކަން ނިމިގެންދާނެ ކަމަށް. ތެދުފުޅެއް، މި ސަރުކާރު އައިސް ފުރަތަމަ ބޭއްވި ބައެއް ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ސްޕީޗުތަކުގައި ގާތްގަނޑަކަށް ޖެހިޖެހިގެން އައި ހުރިހާ ސްޕީޗެއްގައި ވެސް އެންމެ ބޮޑަށް ވަކި ތަންކޮޅެއްގައި ފާހަގަކުރައްވައި ވިދާޅުވޭ މީޑިއާގެ މިނިވަންކަން ގެނެސްދެއްވާނެ ކަމަށް،" އާދަމް ހަލީމް ވިދާޅުވިއެވެ.

އާދަމް ހަލީމް ވިދާޅުވީ ކުއްލިއަކަށް ޖޫރިމަނާކޮށް، ބިރު ދެއްކުމުގެ އަމަލުތައް އަންނަ ހިސާބަށް ދިޔައީ ސަފާރީއެއްގައި ހިނގައިގެން ދިޔަ ކަންތައްތަކަކަށް ފަހު އެ ވާހަކަތައް ބައެއް ނޫސްތަކުގައި އެނޫސްތަކަށް ލިބުނު މައުލޫމާތުތަކެއްގެ ތެރެއިން ހަގީގަތް ހާމަކުރަން ފެށި ހިސާބުން ފެށިގެން ކަމަށާއި އޭގެ ކުރިން އެފަދަ ކަމެއް ކުރިމަތިވެފައި ނުވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދަ ޕްރެސްގެ އެޑިޓަރު އަލީ ޝަމްއާން ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މީޑިއާގެ މިނިވަންކަމަށް ޖާގަދިނުން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ވެސް މީޑިއާއަކީ ކޮބައިކަން ވަރަށް ރަނގަޅަށް ދަންނަ ބޭފުޅުން ތިއްބެވިކަން ވެސް ޝަމްއާން ފާހަގަކުރެއްވިއެވެ.

"މީގެ ތެރެއިން ބޭބޭފުޅުން އެބަ ތިއްބެވި މިހާރު އަޅުގަނޑުމެން މި ވަކާލަތު ކުރާ މައްސަލައިގައި މީޑިއާ ކައުންސިލަށް ވަކިގޮތަކަށް ކަން ކުރުމަށް އަމަލުކުރި ކޮމިޓީތައް ވެސް. އެބޭފުޅުންނަށް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ މީޑިއާއަކީ ކޮބައިކަމާއި މީޑިއާގެ މަސައްކަތްތައް ހިނގަނީ ކޮން ގޮތަކަށްކަން. އެހެން އޮއްވައި މީޑިއާ ކައުންސިލަށް ވަކި ގޮތަކަށް ކަމެއް ކުރަން އަމުރުކުރުން އެއީ އަޅުގަނޑުމެންނަށް ބަލައިނުގަނެވިގެން އުޅޭ ކަމަކީ،" ޝަމްއާން ވިދާޅުވިއެވެ.

ޝަމްއާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މީޑިއާގެ މުހިންމުކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެންވީމާ އެކަންކަން ހުރިހާ މުއައްސަސާތަކެއްގައި ތިއްބެވި ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

"އޭގެ ތެރޭގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި ދައުލަތް ހިއްސާވެގެން ޕަބްލިކް ކުންފުނިތަކުގައި ތިއްބަވާ ބޭފުޅުން ވެސް އެބަޖެހޭ އެނގިވަޑައިގަންނަވަން. މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވަން އެބަޖެހޭ މީޑިއާގެ ހައްގުތަކަކީ ކޮބައިކަމާއި މީޑިއާގެ ހައްގުގައި މަސައްކަތްކުރައްވަން،" ޝަމްއާން ވިދާޅުވިއެވެ.

ޝަމްއާން އިތުރަށް ވިދާޅުވީ މީޑިއާ ކައުންސިލާއި ބްރޯޑްކޮމްއަކީ ސިޔާސީ ބޭފުޅަކު ދައްކަވާ ވާހަކައަކަށް ރިއެކްޓު ކުރާ ބަޔަކަށް ވެގެން ނުވާނެ ކަމަށާއި އެ ދެ މުއައްސަސާއިން ނިންމުންތައް ނިންމަންވާނީ ޒިންމާދާރުކަމާއި ވިސްނުންތެރިކަމާއެކު މީޑިއާއަށް ފައިދާކުރަނިވި މަގަކުން ކަމަށެވެ.

މީޑިއާތަކަށް ފިޔަވަޅު އެޅުމަށް ގަވައިދެއް ހެދުމަށް މީޑިއާ ކައުންސިލަށް އެންގުމަށްޓަކައި، ރައްޔިތުންގެ މަޖިލިހުގެ އަމީން އާއްމު ފާތުމަތު ނިއުޝާ ސޮއިކުރައްވައި މީޑިއާ ކައުންސިލަށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ، ވަކި ގާނޫނެއްގެ ދަށުން ގަވައިދު ހެދުމުގެ ބާރު ވަކި ފަރާތަކަށް ދީފައިވާ ނަމަ، އެހެން ގޮތަކަށް އެ ގާނޫނުގައި ބަޔާންކޮށްފައި ނުވާހާ ހިނދަކު ގަވައިދު ހެދުމަށް ދެވޭ ބާރުގެ ތެރޭގައި އެ ގަވައިދާ ހިލާފު ވެއްޖެނަމަ 2،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމަށް އެ ގަވައިދުގައި ހިމެނިދާނެ ކަމަށް، މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

އެހެންކަމުން މީޑިއާތަކުގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް އަމަލު ކުރާ މީޑިއާތަކާ މެދު ގާނޫނުގައިވާ ގޮތަށް ފިޔަވަޅު އެޅޭނެ އިޖުރާއަތު ބަޔާންކުރާ ގަވައިދު އެކުކަވާލައި މިމަހު އަށެއް ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން މަޖިލީހަށް ފޮނުވައި ދިނުމަށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެދޭ ކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.