ޗެނަލް 13އިން ފޮނުވި ރިޕޯޓެއްގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފިއެވެ.

ބްރޯޑްކޮމްގެ ޑިރެކްޓާ ލީގަލް އެފެއާޒް ފާތިމަތު ޝައުފާ ސޮއިކުރައްވައި މިމަހު 6 ވަނަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނީ، ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީގައި އަންހެނަކު ރޭޕްކޮށްފައިވާ ކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން "މެންދުރު އެމްވީ"ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް އަކުރުން އަކުރަށް "ޗެނަލް 13" އިން ތަކުރާރުކޮށް ގެނެސްދެމުން ދާތީ، އެ ރިޕޯޓް ޗެނަލް 13 އިން ބްރޯށްކާސްޓް ކުރަމުން ދަނީ ތެދެއްކަން ކަށަވަރުކޮށްގެންކަން ބަލައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

އެ މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައި ވަނީ މިމަހުގެ ދެވަނަ ދުވަހު ކަމަށް ބުނެއެވެ. ނަމަވެސް އެއީ ކޮން ފަރާތަކުން ހުށައެޅި މައްސަލައެއް ކަމަށް ބްރޯޑްކޮމްއިން ބުނެފައެއް ނުވެއެވެ.

މީގެ ކުރިންވެސް ބްރޯޑްކޮމްއިން ވަނީ ޗެނަލް 13ގެ ބައެއް މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

ސަފާރީ ރޭޕްގެ މައްސަލަ ގެނެސްދިން މީޑިއާތަކުގެ މައްސަލަ ބްރޯޑްކޮމްއިން ބަލަން ފަށާފައިވާ އިރު، މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް އަމަލުކުރާ މީޑިއާތަކާ މެދު "މަނާކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ ދަށުން" ފިޔަވަޅު އެޅޭނެ އިޖުރާއަތްތައް ބަޔާން ކުރާ ގަވައިދެއް އެކުލަވައިލަން މަޖިލީހުގެ އިދާރާއިން މީޑިއާ ކައުންސިލަށް މިއަދު ވަނީ އަންގައިފައެވެ.