ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް ބައެއް އިތުރުކުރަން، ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.

ބިލުގައި ޖާބިރު ވިދާޅުވެފައިވަނީ، އެ އިސްލާހު ފޮނުވުމުގެ މަގުސަދަކީ އެކިއެކި މުއާމަލާތްތަކާ ގުޅިގެން މުދަލުގެ މައްޗަށް މުއާމަލާތްތަކަށް އިސްކަން ދިނުމުގެ ގާނޫނީ އަސާސްއާ އެއްގޮތަށް ބިން ރަހުނުކޮށް، ކަށަވަރުކޮށްދޭ މުއާމަލާތްތަކަށް ރައްކާތެރިކަން ދިނުމުގެ އުސޫލު ގާއިމުކުރުން ކަމަށެވެ.

އެއާއެކު ބިމުގެ މައްޗަށް ރަހުނު ގާއިމުކޮށްފައިނުވާ އަދި އެގޮތުން ޑިއު ޑިލިޖަންސްގެ ޒަރީއާއިން ތަން ގެނެވޭނެ މުއާމަލާތްތަކަށް ނުވާ ހާލަތުގައި ބިން ވިއްކާ ފަރާތާއެކު، ހެޔޮ ނިޔަތުގައި މުއާމަލާތްކޮށް ބިން ގަންނަ ފަރާތްތަކަށް އެކަށޭނެ ގާނޫނީ ރައްކާތެރިކަން ދިނުން ކަމަށްވެސް ބުނެފައިވެއެވެ.

ބިމާބެހޭ ގާނޫނުގެ 24 ވަނަ މާއްދާގެ ފަހަތަށް އަކުރުތަކެއް އިތުރުކުރުމަށް ޖާބިރު ފޮނުއްވި އިސްލާހުގައި ވަނީ، ބިން ވިއްކުމުގެ އަގުދެއް ކުރެވޭ އިރު، ބިމުގެ ދަފުތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ އެ ބިމުގެ މައްޗަށް ގާއިމުކުރެވިފައިވާ ރަހުނެއް އޮތްނަމަ، އެ ބިން ވިއްކޭނީ ރަހުނުގެ މައްސަލަ ނިންމުމަށްފަހު ކަމަށެވެ.

ބިން ވިއްކުމުގެ އަގުދު ކުރެވޭއިރު ބިން ވިއްކާ ފަރާތުގެ މައްޗަށް ސާބިތު ވެފައިވާ ދަރަންޏެއް ނެތްނަމަ، އެ ބިމުގެ މިލްކުވެރިކަން ގަންނަ ފަރާތަށް ބަދަލުކޮށް ދިނުމުގެ އެންމެހާ އިޖުރާއަތްތައް ކަމާބެހޭ ފަރާތްތަކުން ފުރިހަމަކޮށްދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.