ބ. ފެހެންދޫ ދަރިވަރުން އެ އަތޮޅުގެ ގޮއިދޫ ސުކޫލަށް ކިޔަވަން ގެންދަން އިންޑިއާގެ އެހީގައި ހަދިޔާކުރާ ފެރީ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.
އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނީ، މާލޭގައި ބޭއްވުނު ރަސްމިއްޔާތެއްގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ސަންޖޭ ސުދީރު ފެހެންދޫ-ގޮއިދޫ ސްޓޫޑެންޓް ލޯންޗް ހަވާލުކޮށްދެއްވާފައިވާ ކަމަށެވެ.
މި ލޯންޗް ޑިޒައިންކުރުމާއި ލޯންޗުގެ މަސައްކަތްތައް ނިންމާފައިވަނީ 2.5 މިލިއަން ރުފިޔާގެ ގްރާންޓް އެހީގެ ދަށުން އިންޑިއާ އިންނެވެ.
މި ލޯންޗަކީ މިދިޔަ އަހަރުގެ މާޗު މަހު އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން 6.9 މިލިއަން ޑޮލަރު (106 މިލިއަން ރުފިޔާ)ގެ ގްރާންޓް އެހީގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނަ 18 ޕްރޮޖެކްޓުގެ ތެރެއިން އެއް ޕްރޮޖެކްޓެވެ.
ދެހާސް އަށްވަނަ އަހަރު ބ. ފެހެންދޫ ސްކޫލް ބަންދުކުރެވި، ފެހެންދޫގެ ދަރިވަރުން ބ. ގޮއިދޫ ސްކޫލަށް ޓްރާންސްފާ ކުރެވުމުން ދަރިވަރުން ސްކޫލަށް ގެންދެވުނީ ފެހެންދޫ ކައުންސިލާއި ބެލެނިވެރިންގެ ޖަމިއްޔާއިން ހަމަޖެއްސި ކުޑަ ޑިންގީއެއްގައެވެ. މި ލޯންޗު ބޭނުންކުރަން ފެށުމުން ފެހެންދޫއާއި ގޮއިދޫއާ ދެމެދު ކުރެވޭ މި ދަތުރު ފަސޭހަވެ ދަރިވަރުންނާއި ބެލެނިވެރިންގެ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް އިންޑިއާއިން ބުނެއެވެ.
މީގެ އިތުރުން އިންޑިއާގެ އެހީގައި ހިންގަމުން އަންނަ ޕްރޮޖެކްޓުތަކުގެ ތެރޭގައި 61 ރަށެއްގައި އޯޕަން-އެއާ ޖިމް އިމާރާތްކުރުމާއި، ރަސްދޫގައި ހިންގޭ ރަށްގިރުން ހުއްޓުވުމުގެ މަސައްކަތާއި، ކޮޅުފުށީގައި މަގުމަތީ ލައިޓް ހަރުކުރުމާއި، ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިން އެކެޑެމީ އަޕްގްރޭޑް ކުރުމާއި، ޅޮހި އަދި ކިނޮޅަހު ސްކޫލުގައި ކްލާސްރޫމް އިމާރާތްކުރުމާއި، ދަރަވަންދޫގައި އިމަޖެންސީ ސިއްހީ ހިދުމަތްތަށް ގާއިމުކުރުމާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއަށް އުޅަނދު ފޯރުކޮށްދިނުމާއި، ފޯއްމުލަށް އަދި ކުޅުދުއްފުށީ ސިޓީގައި ކިޔަވަމުން އަންނަ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ބޭނުންވާ އިކުއިޕްމެންޓް ފޯރުކޮށްދިނުމާއި، ހުޅުމާލެ ސެންޓްރަލް ޕާކް ތަރައްގީކުރުމާއި، އެރައިވަލް ޖެޓީ މަރާމާތުކުރުމާއި، 67 ރަށަކަށް ޗިލްޑްރެންސް ޕާކް އިކުއިޕްމެންޓް ފޯރުކޮށްދިނުމުގެ އިތުރުން ގދ. ފަރެސްމާތޮޑާގެ ވެޓްލޭންޑް ޕާކް އޭރިއާ ތަރައްގީކުރުން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު