ބޮޑުފިނޮޅުގެ މައްސަލައިގައި ލާއިންސާނީ ހާލަތަށް ހުށަހެޅުނު މަސައްކަތްތެރިންނަށް އިތުރު އަދަބުތަކެއް ދިނުމުގެ ވިސްނުން ދޫކޮށް، އެކަމުގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު ގާނޫނި ފިޔަވަޅު އެޅުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި ސީލް ކުންފުންޏާއެކު މަސައްކަތް ކުރަމުންދިޔަ ރިޒް ކުންފުނީގެ 200 ބިދޭސީ މަސައްކަތްތެރިންނަށް އެތައް މަހެއްގެ މުސާރަ ނުދީ މަސައްކަތްކުރުވަމުން ގެންދިއުން އެ ޖަމިއްޔާއިން ކުށްވެރިކުރާ ކަމަށާއި އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގައި، އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅުއެޅުމަށް ގޮވާލާ ކަމަށެވެ.

ޓްރާންސްޕޭރެންސީން ބުނީ، ބޮޑުފިނޮޅުގައި ހިނގައިދިޔަ ކަމަކީ، ރާއްޖޭގައި ގިނަ ބިދޭސީ މަސައްކަތްތެރިން ކޮންމެ ދުވަހަކުހެން ތަހައްމަލު ކުރަން ޖެހިފައިވާ ބޭއިންސާފުގެ ނަތީޖާ ކަމަށެވެ. ބޮޑުފިނޮޅުގައި ހިނގައިދިޔަ ކަންތައްތަކާއެކު، މިކަމުގައި ހިއްސާވާ ދެ ކުންފުނިން ނެރެފައިވާ ބަޔާންތަކުގެ އަލީގައި މި ބިދޭސީ މަސައްކަތްތެރިންނާ މެދު ވެފައިވާ އިހުމާލާއި އެފަރާތްތަކުގެ ހައްގުތައް ނިގުޅައިގަނެފައިވާލެއް ބޮޑުކަން ހާމަވެގެންދާ ކަމަށާއި އެގޮތުން އިންސާނީ ވަގުވިޔަފާރިއާއި އުޖޫރައިން ވައްކަން (ވޭޖުތެފްޓް) ކުރުމުގެ އިތުރުން، ފަޅު ރަށެއްގައި ބަންދުކޮށް، ކާބޯތަކެތި ފުރިހަމައަށް ފޯރުކޮށްދީފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށް ޓްރާންސްޕޭރެންސީން ބުނެއެވެ.

ބިދޭސީ މަސައްކަތްތެރިން އުޖޫރަ ދިނުމަށް އެދުމުން އިންޒާރުދީ ބިރުދައްކާފައިވާކަމާއި އެކަން ހައްލުކޮށްދިނުމަށް އެދި ސުލްހަވެރިކަމާއެކު 2019 ވަނަ އަހަރުން ފެށިގެންވެސް އިހުތިޖާޖުކޮށްފައިވާކަންވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ޓްރާންސްޕޭރެންސީން ބުނީ، ބޮނުފިނޮޅުގައި ހިނގައިދިޔަ ހާދިސާއަކީ ރާއްޖޭގެ އެންމެހާ ނިޒާމުތައް ބައްޓަންކުރެވިފައިވާ ގޮތުން މަސައްކަތްތެރީންނަށް ނިޒާމުގެ ތެރެއިން ކަންކަން ހައްލުކުރުމަށް ހަގީގީ ފުރުސަތު ނެތުމުން ހިނގަން މެދުވެރިވި ހާދިސާއެއްކަމަށް އެ ޖަމިއްޔާއިން ދެކޭ ކަމަށެވެ. އެހެންކަމުން، އެތަކެއް ދުވަހެއްވަންދެން އިހުމާލާއި ލާއިންސާނީ ހާލަތަށް ހުށަހެޅުނު މަސައްކަތްތެރިންނަށް އިތުރު އަދަބުތަކެއް ދިނުމުގެ ވިސްނުން ދޫކޮށް، މި މައްސަލަ ބެލުމުގައި 200 ބިދޭސީ މަސައްކަތްތެރިންގެ ނިގުޅައިގަނެވިފައިވާ ހައްގުތަކުގެ ކަންކަން ފުރިހަމައަށް ބެލުމަށް ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.