ސަރުކާރުން އިފްތިތާހު ކުރި އިހުތިރާމް އަދާ ކުރުމުގެ ގައުމީ މަޝްރޫއުއަކީ މި ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ އެއްވަރުގެ މަޝްރޫއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މި ސަރުކާރުން ޒުވާނުން ބިނާ ކުރުމަށް މަސައްކަތް ކުރަނީ ހަމަ އެކަނި ވިޔަފާރީގެ ގޮތުން ނޫން ކަމަށެވެ. އަހުލާގީ ގޮތުންނާއި ފިކުރީ ގޮތުން ވެސް ޒުވާނުން ބިނާ ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން އިހުތިރާމު އަދާކުރުމުގެ ކެމްޕޭނަކީ އެކަމަށް ހާއްސަ ކެމްޕޭނެ ކަމަށެވެ. މިހާރު ގައުމު މިއޮތް ހާލަތަކީ އިހުތިރާމް އަދާ ނުކުރުމުން އޮތް ހާލަތެއް ކަމަށާއި މިކަންކަން ރަނގަޅުކޮށްފިނަމަ ގައުމުގައި ހުރި ހުރިހާ ބިނާތަކެއް ފުރިހަމަ މާނަ ނުކުންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ވަތަނީ ހިދުމަތަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ އެ މަޝްރޫއަކީ ޒުވާނުން ބިނާކުރުމަށް މާތް މަގުސަދެއްގައި ފެށި މަސައްކަތެއް ކަމަށެވެ. މިކަމުގެ ސަބަބުން ޒުވާނުންނަށް ފުރުސަތު ފަހިވެ، އެތައް އާއިލާއަކަށް އުފާވެރިކަން ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި ގައުމު ދެކެ ލޯބިވޭ، މަސައްކަތް ކުރަން ދަންނަ، މުރާލި ބަޔަކަށް ޒުވާނުން ހަދައިދީފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"1028 ކުދިން ވަތަނީ ހިދުމަތުގެ ނިންމައިފި. މިހާރު ވެސް 300 ކުދިން އެދަނީ ވަތަނީ ހިދުމަތުގެ ޓްރޭނިން ހަދަމުން. ކޮންމެ އަހަރު 1000 ކުދިން މަދުވެގެން ވަތަނީ ހިދުމަތް ނިންމަމުން އެދަނީ. އަމާޒަކީ އެމްއެންޑީއެފްގެ ކެޕޭސިޓީ އިތުރުކޮށް ކުރިއަށް އޮތް ތަނުގައި، 1500 އަށް ގެންދެވޭތޯ ބެލުން،" ރައީސް ވިދާޅުވިއެވެ.

ޒުވާނުން ބިނާ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެގޮތުން ގައުމު ދެކެ ލޯބިވާ، ވަފާތެރި، ގައުމަށް ހިދުމަތް ކުރާނެ އަދި މައިންބަފައިން ފަހުރުވެރިވާނެ ޒުވާނެއް ބިނާކުރުމަކީ އުމްރާނީ ތަރައްގީއަށް ވުރެވެސް މާބޮޑު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެފަދަ ބިނާކުރަނިވި ފައިދާ މާނަހުރި ދެމެހެއްޓެނި ކަންކަން މުޅިން ވެސް މިކުރަނީ. އެފަދަ މަޝްރޫއެއް އިހުތިރާމް އަދާ ކުރުމުގެ މަޝްރޫއަކީވެސް. ހުރިހާ އަތްލެވޭ ތަރައްގީ އެއްފަރާތަށް ލާފައި، އޭގެ ހަމަ އެއްވަރުގެ ތަރައްގީއެއް އިހުތިރާމު އަދާކުރުމުގެ މަޝްރޫއުއަކީ ވެސް. އޭގެން އަންނާނެ ނަތީޖާއަކީ، 50/50. އަޅުގަނޑުމެން އެހާވެސް ސީރިއަސް ވާންޖެހޭ ކަމެއް މިއީ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ދެ ކަންތައް އެއްކޮށް ކޮށްފިއްނަމަ ގައުމު ވަރަށް އުޖާލާވާނެ ކަމަށެވެ. ރައީސް ވަނީ އެންމެން އެކަކު އަނެކަކަށް އިހުތިރާމް އަދާ ކުރަން ގޮވާލައްވައިފައެވެ. ތެދުވެރި، ދީނަށް ލޯބިވާ ބަޔަކަށްވެ، އަންނަން އޮތް ޖީލުތަކަށް މިގައުމު ހެޔޮގޮތުގައި ފޯރުކޯށްދޭ ބަޔަކަށް ވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވައިފައެވެ.