ތަފާތު ލޭބަލްތައް އެޅުވުމަކީ އެމަނިކުފާނު ފަރުވާލެއް ބަހައްޓަވާ ކަމެއް ނޫން ކަމަށާއި، އެންމެ ފުރަތަމަ ގައުމުގެ ޝިއާރުން ފުދޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރައްޔިތުންގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް ސަރުކާރުން ނިންމި ނިންމުންތަކަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވައިފައެވެ.
ވޭޕް ވިޔަފާރި ހުއްޓުވުމާއި އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުން ފަދަ ފިޔަވަޅުތަކަކީ މަގުބޫލު ނޫން ނިންމުންތައް ކަމުގައި ވިޔަސް، އެ ފިޔަވަޅުތައް ނޭޅި ނަމަ ބިރުވެރި ހާލަތަކަށް ގައުމު ގޮސް، އެންމެ ތުއްތު ކުދިން ވެސް ނުރަނގަޅު މާހައުލެއްގެ ތެރެއަށް ވެއްޓިގެންދިޔައީސް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޖެނެރޭޝަން ބޭން ތައާރަފުކޮށް، ވޭޕަށް ހުށަހެޅިފައި ނުވާ ކުދިން އެކަމުން ސަލާމަތްކުރި ފުރަތަމަ ގައުމަކީ ރާއްޖެ ކަމަށާއި، މިހާރު އެހެން ގައުމުތަކުން ވެސް އެ ފިޔަވަޅު ނަކަލުކުރަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"ކުޑަ ގައުމެއް ކަމަށްވިޔަސް، އަޅުގަނޑުމެންގެ އިހުލާސްތެރިކަން މާބޮޑު. އަންނަން އޮތް ޖީލުތަކަށް އޭގެ ފައިދާ ކުރާނެ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ފެންނަ ތަރައްގީގެ އިތުރަށް އިހުތިރާމު އަދާކުރުމުގެ މަޝްރޫއެއް ވެސް ކުރިއަށް ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ދެ ކަންތައް އެކީގައި ހިންގައިފި ނަމަ ގައުމު ވަރަށް އުޖާލާވެގެންދާނެ ކަމަށާއި، އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ތެދުވެރި ހެޔޮލަފާ ބައެއްގެ ގޮތުގައި ތިބެން ޖެހޭ ކަމަށާއި، ކޮންމެ ކަމެއްގައި ވެސް އިދިކޮޅު ހެދުމުގެ ސަގާފަތެއް ރާއްޖޭގައި އޮންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް