އިދިކޮޅު ފަރާތްތައް ހިޔާލީ ދުނިޔެއެއްގައި ބައިތިއްބާފައި، ހަގީގީ ނަތީޖާ ނެރެމުން ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ ޒުވާނުން ބިނާކުރެއްވުމުގެ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވައިފައެވެ.

އެގޮތުން ވަތަނީ ހިދުމަތުގެ ޕްރޮގްރާމް މިހާތަނަށް 1028 ކުދިން ފުރިހަމަކޮށްފައިވާ އިރު، ކޮންމެ އަހަރަކު މަދުވެގެން 1000 ކުދިން ބައިވެރިކޮށް، ކުރިއަށް އޮތް ތަނުގައި 1500 އާ ހަމައަށް ގެންދިއުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު 717 ޒުވާން ހަތީބުން ތަމްރީނުކުރެވިފައިވާ ކަމަށާއި، މި ދައުރު ނިމޭއިރު 1000 އާ ހަމައަށް އެ އަދަދު ގެންދެވުމަކީ އަމާޒެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވީ އިމާރާތެއް ބިނާކުރުމަށްވުރެ ގައުމު ދެކެ ލޯބިވާ ވަފާތެރި ޒުވާނެއް ތައްޔާރުކުރުމަކީ މާ މުހިންމު ކަމެއް ކަމުގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ތަރައްގީގެ ބިނާތަކާ އެއްވަރަށް އިހުތިރާމް އާލާކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަކީ ގައުމު އުޖާލާކުރެވޭނެ މަގެކެވެ. ކޮންމެ ކަމަކާ ދެކޮޅު ހަދައި މަލާމާތްކުރާ ބަޔަކު ރާއްޖޭގައި އުޅޭ ކަމަށާއި، މިފަދަ އިދިކޮޅު ބައެއް އެހެން ތަނެއްގައި ނޫޅޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ވާހަކަ ދައްކާނީ ނަތީޖާއިން، އިދިކޮޅު ފަރާތްތަކުން ހިޔާލީ ދުނިޔޭގައި ބައިތިއްބާފައި އަޅުގަނޑުމެން ދާނީ ހަގީގީ ދުނިޔޭގައި ކުރިއަށް،" ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމާއި، ޒުވާނުންގެ އަހުލާގީ އަދި ފިކުރީ ތަރައްގީއަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވައިފައެވެ.