އީރާނުން އަމިއްލައަށް ފަރުމާކޮށްގެން އުފައްދާ ފުރަތަމަ ނިއުކްލިއާ ފިއުޝަން ރިއެކްޓަރުގެ މަސައްކަތް ނިންމައި ކުރިއަށް އޮތް ތަނުގައި ބޭނުންކުރަން ފަށާނެކަން އިއުލާން ކޮށްފިއެވެ. މިކަން އިއުލާނުކުރެއްވީ އީރާނުގެ އެޓޮމިކް އެނާޖީ އޮގަނައިޒޭޝަންގެ ވެރިޔާ މުހައްމަދު އެސްލާމީ، އެ ގައުމުގެ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.
މި އިންޓަވިއުގައި އެސްލާމީ ވިދާޅުވީ، މުޅީންވެސް އެ ގައުމުގެ އަމިއްލަ ފަންނީ ގާބިލުކަމާއި ތަޖުރިބާ ބޭނުންކޮށްގެން ބިނާކުރާ ފުރަތަމަ "ޓޮކަމެކް" ނިއުކްލިއާ ފިއުޝަން ނިޒާމުގެ މަސައްކަތްތައް ކުރިއަށްދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކަމަށެވެ. މި ރިއެކްޓަރުގެ ސަބަބުން ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން އީރާނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ނިއުކްލިއާ ފިއުޝަން ރިއެކްޓަރު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ހަކަތަ އުފެއްދުމުގެ ދާއިރާގެ އިތުރުން ސިއްހީ ދާއިރާއާއި ބޭސްވެރިކަމުގެ ތަހުލީލުތަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހާއްސަކޮށް ބަލިތައް ދެނެގަތުމަށް ބޭނުންކުރާ އެޑްވާންސްޑް މެޑިކަލް ޑައިގްނޯސްޓިކް ސިސްޓަމްތަކާއި ރޭޑިއޯފާމަސޫޓިކަލްސް އުފެއްދުމަށް މި ރިއެކްޓަރުގެ ބޭނުން ހިފޭނެ ކަމަށް އީރާނުގެ އޮފިޝަލުން ވިދާޅުވެއެވެ.
އާދައިގެ ނިއުކްލިއާ ފިޝަން ރިއެކްޓަރުތަކާ ޚިލާފަށް ނިއުކްލިއާ ފިއުޝަން ޓެކްނޮލޮޖީއަކީ އިރުގެ އެތެރޭގައި ހަކަތަ އުފެދޭ އުސޫލުން، ކުދި އެޓަމްތައް އެއްކޮށްލައިގެން ގިނަ އަދަދަކަށް ތިމާވެއްޓާ ރައްޓެހި ހަކަތަ އުފައްދައިދޭ ނިޒާމެކެވެ.
އީރާނުގެ އެޑްވާންސްޑް ޓެކްނޮލޮޖީސް ކުންފުނީގެ ވެރިޔާ އަލީ ނައުރޫޒީ ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ދުރުރާސްތާގެ އަމާޒަކީ ހަކަތަ ބޭކާރުވުމެއް ނެތި ގިނަ އަދަދަކަށް ކަރަންޓު އުފެއްދޭނެ ނިޒާމެއް ގާއިމުކުރުމެވެ.
އީރާނުން ނިއުކްލިއާ ފިއުޝަން ރިއެކްޓަރެއް ތަރައްގީކުރިކަން އިއުލާންކޮށްފައި މިވަނީ، އެ ގައުމުގެ ނިއުކްލިއަ ޕްރޮގްރާމާ ގުޅޭގޮތުން ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލުކަން ބޮޑުވެ، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައި.އޭ.އީ.އޭ) އިން އީރާނުގެ ނިއުކްލިއާ ހަރަކާތްތައް މޮނީޓަރު ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. ނަމަވެސް އީރާނުން ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ މަޝްރޫއުތަކަކީ މުޅީންވެސް ސުލްހަވެރި ބޭނުންތަކަށް ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށެވެ.
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް