ކާރިސާތަކަށް ފަހު ފިޔަވަޅު އެޅުމުގެ ބަދަލުގައި، ތަރައްގީގެ ކޮންމެ މަސައްކަތެއްގެ ތެރޭގައި މޫސުމީ ވިލުންވެރިކަން ހިމެނެންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ތުރުކީގައި ކުރިއަށްދާ ދުނިޔޭގެ ވެރިން ބައިވެރިވާ މޫސުމީ ބަދަލުގެ ބައިނަލްއަގުވާމީ ކޮންފަރެންސް، ކޮޕް 31 ގެ ތެރެއިން، ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅިގެން އައްސޭރިފަށުގެ ވިލުންވެރިކަން އިތުރުކުރުމާ ބެހޭގޮތުން ޔޫއެން ގްލޯބަލް ސެންޓާ ފޮ ކްލައިމެޓް މޮބިލިޓީ (ޖީސީސީއެމް) އިން ބޭއްވި ސެޝަންގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ރާއްޖެ ދެމިއޮތުމަށް ކުރިމަތިވެފައިވާ ސީދާ ނުރައްކަލެއް ކަމަށާއި، މޫސުމީ ނާޒުކުކަމުން ރާއްޖޭގެ މުސްތަގުބަލު ކަނޑައެޅިގެން ނުވާނެ ކަމަށެވެ.
ރާއްޖޭގެ ރަށްތަކަކީ ހަމައެކަނި ބިންކޮޅެއް ނޫން ކަމަށާއި، އެއީ ދިވެހިންގެ ގެދޮރާއި ތާރީހާއި ޝަހުސިއްޔަތު ރަމްޒުކޮށްދޭ ތަންތަން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. ގައުމުގެ ސަރަހައްދުން ކިތަންމެ ކުޑަ ތަންކޮޅެއް ގެއްލުނު ނަމަވެސް، އެކަމުގެ އަސަރު ރާއްޖޭގެ ސިޔާދަތާއި ތަރިކައަށާއި ކުރިމަގަށް ކުރާނެ ކަމަށް ވިދާޅުވެ، ދިވެހިން އެމީހުންގެ ރަށްތަކުގައި ދިރިއުޅުމުގެ ހައްގު ރައްކާތެރިކުރުމަކީ ގައުމީ އެންމެ މުހިންމު އެއް އިސްކަން ކަމުގައި ރައީސް ވިދާޅުވިއެވެ.
ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ގޮނޑުދޮށް ހިމާޔަތްކުރުމާއެކު ފަރުތަކާއި ކުޅިތައް ރައްކާތެރިކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެތަންތަނަކީ ގުދުރަތީ ގޮތުން އައްސޭރި ދިފާއުކޮށްދޭ ވަސީލަތްތައް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ރަށު ފެންވަރުގައި މޫސުމީ ބަދަލުތަކަށް ތައްޔާރުވުމަށް ބޭނުންވާ ޑޭޓާއާއި މާލީ ވަސީލަތްތައް މުޖުތަމައުތަކަށް ލިބެންޖެހޭ ކަމަށް ވިދާޅުވިއެވެ.
ގައުމީ ފެންވަރުގެ ބޮޑެތި މަޝްރޫއުތަކަށް ބައްލަވައިލައްވަމުން ރައީސް ވިދާޅުވީ، ހުޅުމާލެއަކީ ބިން އުސްކޮށް ތަރައްގީކޮށްފައިވާ، ރާއްޖޭގެ މޫސުމީ ރައްކާތެރިކަމަށް ކުރެވުނު އިސްތިރާޖީ އިންވެސްޓްމެންޓެއް ކަމަށެވެ. ހަމައެހެންމެ ރަސްމާލެ ތަރައްގީކުރެވެމުންދަނީ ލޮނުގަނޑު އުފުލޭނެ ކަމަށް ލަފާކުރެވޭ މިންވަރަށްވުރެ އުސްކޮށް، ކާބަން ދަށް، އިއާދަކުރެނިވި ހަކަތައިން ބާރުލިބޭ އީކޯ ސިޓީއެއް ގޮތުގައި ކަމަށް ވިދާޅުވިއެވެ.
މި މަޝްރޫއުތަކަކީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ބަދަލުކުރެއްވުމުގެ ތަސައްވުރުގެ ދަށުން ހިންގޭ މަޝްރޫއުތައް ކަމަށާއި، މޫސުމީ ވިލުންވެރިކަމަކީ ގައުމީ ތަރައްގީގެ ލާޒިމު ބައެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
މޫސުމީ ބަދަލުގެ ސަބަބުން އާބާދީ ބަދަލުވާންޖެހޭ ހާލަތްތައް މޫސުމީ ޕްލޭންތަކުގައި ހިމެނުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ގޮވާލެއްވީ، މޫސުމީ ފައިނޭންސް އެކަށީގެންވާ، ލަފާކުރެވޭ، ފަސޭހައިން ލިބެން ހުންނަ ގޮތަކަށް ބައްޓަންކުރުމަށެވެ. މޫސުމީ ބަދަލުތަކަށް ހޭނުމަށް ލިބޭ އެހީ ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދޭންޖެހޭ ކަމަށާއި، އެއީ ސަދަގާތެއް ނޫން ކަމަށެވެ. އެއީ މޫސުމީ އިންސާފުގެ މައްސަލައެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުރިއަށް އޮތް ޖީލުތަކަށް ކާބަފައިންގެ ބިމުގައި ދިރިއުޅެ، ބިނާކޮށް، ކުރިއެރުމުގެ ފުރުސަތު ކަށަވަރުކޮށްދެއްވުމަށް ރާއްޖޭގެ ރަށްތައް ހިމާޔަތްކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް