ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު އޮންނާނެ ކަމަށް އެ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ރިޔާސަތުން އިއުލާން ކުރި ނަމަވެސް ދެން މަޖިިލިސް ޖަލްސާއެއް އޮންނާނީ މިމަހުގެ 19 ވާ ހޯމަ ދުވަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ ނިންމަވައިލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 14 އޮކްޓޫބަރު ވާ ބުދަ ދުވަހު ކަމަށެވެ.

މަޖިލިސް ޖަލްސާއެއް ދެން އޮންނާނީ 19 އޮކްޓޫބަރުގައި ކަމަށް މަޖިލިސް އިދާރާއިން ބުނި ނަމަވެސް މިއަދު ބާއްވަން އޮތް ޖަލްސާ ކެންސަލްވި ސަބަބެއްް މަޖިލިސް އިދާރާއިން ބުނެފައެއް ނުވެއެވެ.

މަޖިލީހުގެ މި ދައުރު ފެށުނު ފަހުން މަޖިލިސް ތަޅުމުގައި ކުރަން މާގިނަ މަސައްކަތްތަކެއް އެޖެންޑާ ކޮށްފައެއް ނުވެއެވެ.

މި ދައުރުގައި މަޖިލިސް ތަޅުމުގައި ކުރިއަށްގެންދިޔަ ދެބިލުގެވެސް އިބްތިދާއީ ބަހުސް ނިންމައި އެ ދެ ބިލް މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރަން ވަނީ ކޮމިޓީތަކަށް ފޮނުވައިފައެވެ.

އެތަނުން އެއްބިލަކީ ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލެވެ. އެ ބިލް ފޮނުވީ ޖުޑިޝަރީ ކޮމިޓީއަށެވެ.

ދެވަނަ ބިލަކީ އިއްޔެގެ ޖަލްސާގައި މަޖިލީހަށް ބަލައިގަނެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްވެ.