ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އިސްރާއީލުން ވައިގެ ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައި، ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިރްޒެއިޓް ޔުނިވާސިޓީގެ ކިޔެވުން ކުރިއަށް ދަނިކޮށް އިސްރާއީލު ސިފައިން އެ ތަނަށް ވަދެގަނެފިއެވެ.
ލުބުނާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެކުނުގެ ބޯޑަރު ސަރަހައްދުގައި އޮންނަ ގިނަ އަވަށްތަކަކަށް އަމާޒުކޮށް އިސްރާއީލުން ވަނީ ވައިގެ މަގުންނާއި އެއްގަމު މަގުން ބޮޑުބަޑީގެ ހަމަލާތައް ދީފައެވެ. މި ހަމަލާތަކުގައި ބައެއް އާންމުންގެ ގެދޮރަށާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ. ނަމަވެސް، މި ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ފުރިހަމަ ތަފުސީލު ރަސްމީ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި ހަމަލާތައް އަމާޒުވި ސަރަހައްދުތަކުގައި މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.
ހުޅަނގު އައްސޭރީގައި ހިންގި އޮޕަރޭޝަނާ ގުޅޭގޮތުން ބިރްޒެއިޓް ޔުނިވާސިޓީގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، ހަތިޔާރު އެޅި އިސްރާއީލު ސިފައިން ކެމްޕަހަށް ވަދެގަތީ ދަރިވަރުން ކްލާސްތަކުގައި ތިއްބައެވެ.
ޔުނިވަސިޓީގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިފައިން ކެމްޕަހުގެ ބައެއް އިމާރާތްތަކަށް ވަދެ ބަލައި ފާސްކޮށްފައިވާ ކަމަށާއި، ދަރިވަރުންގެ ޖަމިއްޔާގެ އޮފީހަށް ވެސް ގެއްލުންދީފައިވާ ކަމަށެވެ. ފަލަސްތީނުގެ ޕްރިޒަނާސް ކްލަބުން ބުނި ގޮތުގައި، މި އޮޕަރޭޝަނުގައި ޔުނިވަސިޓީގެ ބައެއް ދަރިވަރުން ވަނީ ހައްޔަރުކޮށްފައެވެ.
ފަލަސްތީނުގެ ރަސްމީ އިދާރާތަކުން ބުނި ގޮތުގައި، ޔުނިވަސިޓީއަށް ދިން މި ހަމަލާއާ ގުޅިގެން ކެމްޕަހުގެ ކިޔެވުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އަދި ހައްޔަރުކުރި ދަރިވަރުންގެ ސީދާ އަދަދެއް ކަށަވަރުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.
ލުބުނާނު
ލުބުނާނު
ލުބުނާނު
ލުބުނާނު
ކޮމެންޓް