ވަގުތަށް ކަމޭހިތައި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ބޭނުންކޮށް، ކިޔެވުން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކިޔަވަން މަސައްކަތް ކުރާ ދަރިވަރުންނަށް އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ، ޕީއެސްއެމްއިން ގެނެސްދޭ ނޭޝަން ޗެޓްގައި، އޯލެވެލް އިމްތިހާނު ހަދަމުން އަންނަ ދަރިވަރުންނާއި އޭލެވެލް އިމްތިހާން ހެދުމަށް ތައްޔާރުވާ ދަރިވަރުންނަށް ރަނގަޅު ނަތީޖާއެއް ހޯދުމަށް ހިތްވަރުދެއްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދަރިވަރުން ވަގުތަށް ކަމޭހިތައި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ބޭނުންކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. ކުޅިވަރާއި ސަކަރާތުގެ ތެރޭގައިވެސް ކިޔެވުން އިސްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
"ކުޅިވަރުވެސް ކުޅެން ޖެހޭނެ، މަޖާވެސް ކުރަން ޖެހޭނެ، އެކަމަކު ކިޔަވާ ކުދިންނަށް ވީތީ ކިޔެވުމަށް ސަމާލުކަންދޭންވާނެ، މައިން ބަފައިންގެ ބަސް އަހަން ޖެހޭނެ، ވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިގެން ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރާށޭ، ބަރާބަރަށް ނަމާދު ކުރަން ޖެހޭނެ، އޭރުން ރަނގަޅުވާނެ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ސްކޫލްގެ ދުވަސްވަރާއި ކިޔެވުމަށް އަލިއަޅުވާލައްވައި ރައީސް ވަނީ އެންމެ ރަނގަޅު ނަތީޖާއަކަށް މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވައިފައެވެ. އޭރާއި މިހާރު ކިޔެވުން ތަފާތުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސްކޫލްގައި ކިޔަވައިދޭ މާއްދާތަކުގެ އިތުރުން އިތުރު މާއްދާތަކެއް އިމްތިހާނުގައި ހެއްދެވިކަމަށެވެ. އެމަނިކުފާނު އޯލެވެލް އިމްތިހާނުގައި 13 މާއްދާ ހެއްދެވިކަމަށާއި އޯލެވެލް އިމްތިހާނުން އެއްވަނަ ލިބިވަޑައިގެންނެވިކަމަށެވެ. އަދި ގްރޭޑް އެކަކުން ފެށިގެން އަބަދުވެސް "އޭ" ރިޕޯޓް ހޯއްދަވަމުން ގެންދެވިކަމަށް ރައީސް ވިދާޅުވިއެވެ.
މިއަހަރުގެ އޯލެވެލް އިމްތިހާނު މިހާރު ފެށިގެން ކުރިއަށްދާއިރު މި އިމްތިހާން ނޮވެންބަރު 12ގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މިއަހަރުގެ އޯލެވެލް އައިޖީސީއެސްއީ އިމްތިހާނުގައި 8111 ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި އެޗްއެސްސީ އިމްތިހާނުގައި 7776 ދަރިވަރުން ބައިވެރިވެއެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް