ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ނައިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ އައްޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްގެ ކޮކޯފުޅު، އައްޝައިހު އަހްމަދު ބިން ރާޝިދު އަލް މަހްތޫމް މިއަދު އަވަހާރަވެއްޖެއެވެ.
ޝައިހް އަހްމަދު އަވަހާރަވުމާ ގުޅިގެން ވަނީ މިއަދުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ދުބާއީގައި ހިތާމަ ފާޅުކުރުމަށް އިއުލާނުކޮށްފައެވެ. މި މުއްދަތުގައި ދުބާއީގެ ހުރިހާ ސަރުކާރު އިދާރާތަކެއްގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
އަވަހާރަވި ޝައިހް އަހުމަދަކީ ދުބާއީގެ ކުރީގެ ވެރިޔާ އަދި ޔޫއޭއީ އުފެއްދެވި ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އައްޝައިހު ރާޝިދު ބިން ސައީދު އަލް މަހްތޫމްގެ އެންމެ ހަގު ދަރިކަލުންނެވެ. އެ މަނިކުފާނަކީ ދުބާއީ ފުލުހުންނާއި އާންމު ސަލާމަތާ ބެހޭ އިދާރާގެ ޑެޕިއުޓީ ހެޑްގެ މަގާމު ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ.
އިނގިރޭސިވިލާތުގެ މަޝްހޫރު ރޯޔަލް މިލިޓަރީ އެކަޑަމީ ސޭންޑްހާސްޓުން ތައުލީމު ހާސިލުކުރެއްވި ޝައިހު އަހްމަދަކީ ކުޅިވަރުގެ ދާއިރާގައި ވަރަށް އިސް އަދި ނުފޫޒުގަދަ ބޭފުޅެކެވެ. ހާއްސަކޮށް ދުބާއީގެ އަލް ވަސްލް ކްލަބުގެ ރައީސްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވިއިރު، އެ މަނިކުފާނަކީ ދުބާއީގައި އަސް ދުއްވުމާއި މޫދު ކުޅިވަރުތައް ކުރިއެރުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވި އެއް ބޭފުޅާއެވެ.
އެ މަނިކުފާނުގެ ޒިކުރާ އާކުރަމުން ދުބާއީގެ ވެރިޔާގެ އޮފީހުން ނެރުނު ބަޔާނުގައި ވަނީ، ޝައިހް އަހްމަދަކީ ގައުމީ ހިދުމަތުގައާއި ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައިދެއްވި ބޭފުޅެއްކަން ފާހަގަކޮށްފައެވެ.
ބޯހިޔާވަހިކަން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސް މުހައްމަދު ނަޝީދު
ބޭރު ކުޅިވަރު
ކޮމެންޓް