އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) އިން ބަންގްލަދޭޝްގެ 4،000 އަށް ވުރެ ގިނަ މަސައްކަތްތެރިންގެ ވިސާ ބާތިލުކޮށްފިއެވެ.
ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، 4،000 އަށް ވުރެ ގިނަ މީހުންގެ ވިސާ ބާތިލުކޮށްފައިވަނީ ޔޫއޭއީގައި ދާދިފަހުން ކުރިއަށްދިޔަ މުޒާހަރާތަކެއްގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭތީއެވެ. ބަންގްލަދޭޝްގެ އެކްސްޕެޓްރިއޭޓް ވެލްފެއާ މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، ވިސާ ބާތިލުކުރުމުގެ ސަބަބުން ޗުއްޓީއަށް ގައުމަށް ގޮސް ތިބި ގިނަ އަދަދެއްގެ މަސައްކަތްތެރިންނަށް އަނބުރާ ޔޫއޭއީއަށް ގޮސް ވަޒީފާއާ ގުޅޭނެ ގޮތް ވަނީ ބަންދުވެފައެވެ.
ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، އެ ގައުމުގެ ގާނޫނުތައް ހުއްދަނުކުރާ ގޮތަށް އެއްވުންތައް ބޭއްވުމާއި މުޒާހަރާކުރުމަކީ މަނާކަމެކެވެ. ބަންގްލަދޭޝްގައި ސަރުކާރުގެ ވަޒީފާތަކުގެ ކޯޓާއާ ދެކޮޅަށް ކުރިއަށްދިޔަ މުޒާހަރާތަކަށް ތާއީދުކޮށް ޔޫއޭއީގައި އަޑުއުފުލި ބައެއް މީހުން ޑިޕޯޓުކޮށް، އަދި 50 އަށް ވުރެ ގިނަ މީހުންގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމް އިއްވާފައިވާ ކަމަށް ޔޫއޭއީގެ ރަސްމީ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.
ވިސާ ބާތިލުކުރި މީހުންގެ ސީދާ އަދަދާ ގުޅޭގޮތުން ޔޫއޭއީގެ ސަރުކާރުން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ބަންގްލަދޭޝްގެ ކަމާބެހޭ ވުޒާރާތަކުން އަންނަނީ މި މައްސަލަ ހައްލުކުރުމަށް ޔޫއޭއީގެ ސަރުކާރާއެކު މަޝްވަރާކުރަމުން ކަމަށް ބަންގްލަދޭޝްގެ އޮފިޝަލުން ވިދާޅުވެއެވެ.
ޔޫއޭއީ
ޔޫއޭއީ
ޔޫއޭއީ
ޔޫއޭއީ
ކޮމެންޓް