ކޮމަންވެލްތު ޕާލަމެންޓަރީ ކޮންފަރެންސް (ސީޕީސީ) ގައި ބައިވެރިވެވަޑައިގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް ސައުތު އެފްރިކާއަށް ފުރާވަޑައިގަންނަވައިފިއެވެ.
ސައުތު އެފްރިކާގެ ގާނޫނު ހަދާ މަޖިލީހާއި ސީޕީއޭ ސައުތު އެފްރިކާ ބްރާންޗުން އިންތިޒާމުކުރާ މި ކޮންފަރެންސް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 19 އަށް، ސައުތު އެފްރިކާގެ ކޭޕް ޓައުންގައެވެ. މިއީ މީގެ 69 ވަނަ ކޮންފަރެންސެވެ.
މި ކޮންފަރެންސްގައި، ޕާލަމެންޓަރީ ޑިމޮކްރަސީ އާއި، ހިންގުމުގެ ނިޒާމާއި، ބައިނަލްއަގުވާމީ ގާނޫނުތަކުގެ އިތުރުން ދެފަރާތުގެ މަސްލަހަތު ހިމެނޭ އެހެނިހެން މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް، ކޮމަންވެލްތުގެ އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންނާއި އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ސީޕިސީގެ މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވަނީ، ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން ކަަމަށްވާ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް، އާއި ދިއްގަރު ދާއިރާގެ މެންބަރު އަދި ސީޕީއޭ އޭޝިއާ ރީޖަނަލް ރެޕްރެޒެންޓެޓިވް އަހްމަދު ނާޒިމާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގާއި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމާއި ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ އާއި މަޖިލީހުގެ އިދާރާގެ ސީނިއާ ފޮރިން ރިލޭޝަންސް އޮފިސާ އާއިޝަތު އީމާނެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް