ސަރުކާރަށް ދިގުމުއްދަތަކަށް ހިދުމަތް ކުރެއްވި މ. އެކޯ/ އަބްދުالله ޝަރީފު ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ ދަންނަވައިފިއެވެ.

ރައީސްގެ ތައުޒިޔާގެ މެސެޖުގައި، ރައީސްގެ އޮފީހުގައި ދިގުމުއްދަތެއްގައި ހިދުމަތް ކުރެއްވި އަދި އިސް މަގާމުތަކެއް ފުރުއްވި ޝަރީފު އަވަހާރަވީ ހަބަރު އަޑުއެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ދައުލަތަށް ހިދުމަތްކުރެއްވުމުގެ އިނާމު 2023ވަނަ އަހަރު ހާސިލުކުރައްވައިފައިވާ، ޝަރީފު، 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތްކުރައްވައި، ރައީސްގެ އޮފީހުގައި، 34 އަހަރަށްވުރެ ދިގުމުއްދަތެއްގައި ހިދުމަތްކުރައްވައިފައިވެއެވެ.

ޝަރީފް ފާހަގަކުރެވިފައި ވަނީ، ވަރަށް ހިންގުންތެރި އަދި ވަރަށް އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ހިދުމަތްކޮށްދެއްވި، މަސައްކަތުގެ އަހުލާގު ހިފެހެއްޓެވި ބޭފުޅެއްގެ ގޮތުގައި ކަމަށް ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

"އަބްދުالله ޝަރީފް އަވަހާރަވުމުގެ ހިތާމައިގައި، މަރްޙޫމްގެ ޢާއިލާއަށް ވަރަށް އިހުލާސްތެރިކަމާއެކުގައި ތައުޒިޔާ ދަންނަވަން. މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، މަރްހޫމް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި! އާމީން." ރައީސްގެ ތައުޒިޔާގެ މެސެޖުގައި ވިދާޅުވިއެވެ.