ކާނިވާ ސަރަހައްދުގައި ހުރި ބާ ސްޓޭޖް ތަޅާލުމުގެ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ހުރިހާ ވެހިކަލްތައް ނެގުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.

ސިޓީ ކައުންސިލުން މިރޭކުރި އިއުލާނެއްގައި ބުނީ ކާނިވާ ސްޓޭޖުގެ މަތީގައި ހަރުކޮށްފައިވާ ދަގަނޑު ޓްރަސްތައް ވަނީ ދަބަރު ޖަހައި ވަރަށް ބޮޑަށް ފީވެފައި ކަމަށެވެ. އަދި އޭގެ ބައެއް ބައިތައް ބިމަށް ވެއްޓެމުންދާތީ، އެ ސަރަހައްދު ބޭނުންކުރާ އާންމުންނާއި ދުއްވާ އެއްޗެއްސަށް ބޮޑު ނުރައްކަލެއް ވަނީ ކުރިމަތިވެފައިކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްޓޭޖްގެ ދަގަނޑު ބައިތައް ރޫޅާލައި ސަރަހައްދު ސާފުކުރުމުގެ އަމަލީ މަސައްކަތް މިއަދު ފެށުމަށް ވަނީ ހަމަޖެހިފައިކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އެ މަސައްކަތަށް މަގުފަހިކުރުމުގެ ގޮތުން، ކާނިވާ ސަރަހައްދުގައި ޕާކުކޮށްފައިވާ އެންމެހައި އުޅަނދުތައް މިރޭ 11:30 ގެ ކުރިން ނަގައި، މަސައްކަތް އެއްކޮށް ނިމެންދެން އެ ސަރަހައްދު ހުސްކޮށް ބާއްވައިދިނުމަށް ކައުންސިލުންވަނީ އެދިފައެވެ.

ކާނިވާ ސަރަހައްދު ޒަމާނީ ބަދަލުތަކަކާއެކު އަލުން ތަރައްގީކުރުމަށް ސިޓީ ކައުންސިލުން ނިންމާފައިވަނީ ޖުލައި 2024 ގައެވެ. އެގޮތުން އެ ސަރަހައްދުގެ ލޭންޑް ސާވޭ ހަދައިދޭނެ ފަރާތެއް ހޯދުމަށް މިދިޔަ މަހު އިއުލާނުކޮށްފައިވާއިރު، މޭޔަރު އާދަމް އާޒިމްވެސް ވަނީ އެތަން ބާވުމުގެ ސަބަބުން އާންމު ރައްޔިތަކަށް ގެއްލުމެއް ލިބިދާނެތީ ކުރިން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކާނިވަލުގައި އާ ސްޓޭޖެއް އެޅުމަށްޓަކައި 2024 ވަނަ އަހަރު ޔޫއެޗް އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކާ 4.8 މިލިއަން ރުފިޔާއަށް އެ މަސައްކަތް ހަވާލުކުރި ނަމަވެސް، ކުރީގެ އެހެން އެއްބަސްވުމެއް އޮތްކަން ހާމަވުމާ ގުޅިގެން އެ ކޮންޓްރެކްޓް ފަހުން ވަނީ ބާތިލުކޮށްފައެވެ.

އެ މައްސަލައިގައި ކައުންސިލްގެ ލިޔެކިޔުންތައް ބެލެހެއްޓުމުގައި އިހުމާލުތަކެއް ހުރިކަމަށް ބުނެ ސުވާލުތަކެއްވެސް އުފެދުނެވެ.

މަޖީދިއްޔާ ސްކޫލުގެ އަލިމަސް ޔޫބީލާ ގުޅުވައިގެން 2004 ގައި ހުޅުވި އަލިމަސް ކާނިވަލަކީ ރާއްޖޭގެ އެންމެ ފޯރިގަދަ މިއުޒިކް ޝޯތަކާއި ސިޔާސީ އެއްވުންތައް ބޭއްވި މައި ސަރަހައްދެވެ.