ލޯކަލް ގަވާމަންޓް އޮތޯރިޓީ، (އެލްޖީއޭ)ގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުންގެ ތެރެއިން ދެ މެންބަރަކު އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ބޭފުޅުންނަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފިއެވެ.

އެލްޖީއޭގެ ބޯޑަށް މަޖިލީހުން އައްޔަންކުރާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

އެ ބޯޑުގެ ތިން މެންބަރެއްގެ މަގާމުގެ މުއްދަތު ސެޕްޓެމްބަރު މަހަށް ހަމަވާތީ ކުރިމަތިލުމަށް އެ އޮފީހުން ހުޅުވައިލީ މިދިޔަ ޖުލައި މަހުއެވެ.

އެ ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅެއްގެ ނަން އެ ބޯޑަށް އައްޔަން ކުރަން މަޖިލީހަށް ފޮނުވުމުން، މަޖިލިސް ތަޅުމައި އެބޭފުޅުންގެ ނަން އިއުލާން ކުރެއްވުމަށްފަހު އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް ފޮނުވިއެވެ.

އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ދެ ބޭފުޅުންނާ ކޮމިޓީން އިންޓަވިއު ކުރުމަށްފަހު އެ ދެ ބޭފުޅުން އެލްޖިއޭގެ ބޯޑަށް އައްޔަން ކުރަން ރުހުންދިނުމަށް ވަނީ ފާސްކޮށްފައެވެ.

އެ ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދޭން ފާސްކުރާނީ އެ ކޮމިޓީގެ ރިޕޯޓް މަޖިލިސް ތަޅުމަށް ހުށަހަޅައި ބަހުސް ކުރުމަށްފަހުގައެވެ.

އެ ދެ ބޭފުޅުންގެ ތެރެއިން، ޖެންޑާ އީކުއެލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެންބަރުގެ ގޮތުގައި، އެލްޖީއޭއަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވާފައި ވަނީ ގދ. ގައްދޫ ތިބުރޯޒުގެ އާއިޝަތު އާރިފާއެވެ. ގަވާނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އައްޔަންކުރަން ފޮނުއްވާފައި ވަނީ ށ. ކަނޑިތީމު ރަތްވިލާގެ މުހައްމަދު އާރިފްއެވެ.

ނުވަ މެންބަރުން ހިމެނޭ އެލްޖީއޭގެ ބޯޑުގައި ތިއްބަވަނީ ގާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރުގެ އިތުރުން، ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި ގަވާނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ މެންބަރަކާއި މަދަނީ ޖަމްއިއްޔާގެ މެމްބަރަކާއި ސިޓީ ކައުންސިލަރުންގެ ތެރެއިން އެ މީހުން އިންތިހާބު ކުރާ މެންބަރަކާއި އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިހާބު ކުރާ މެންބަރަކާއި ރަށު ކައުންސިލްތަކުގެ ތެރެއިން އިންތިހާބު ކުރާ މެންބަރަކާއި މާލީ ކަންކަމާ ގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ އެ އޮފީހުގެ މުވައްޒަފެއްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.