ގައުމީ ދުވަސް ހިތްވަރުދެނީ ދިވެހިންގެ ރީތި މާތް އަހުލާގީ ސިފަތައް އިއާދަކުރަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހއ. އުތީމުގައި މިއަދު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގައުމެއްގައި އިހުތިރާމު އަދާކުރުން ހުރިހާ މާނައެއްގައި، ހުރިހާ ދާއިރާއެއްގައި، އަދި ހުރިހާ ދަރަޖައެއްގައި އޮންނަން ޖެހޭ ކަމަށެވެ. އާއިލާއިން ފެށިގެން ގައުމީ މަސްއޫލިއްޔަތުތަކާ ހަމައަށް އިހުތިރާމު ކުރުމުގެ އަހުލާގު އަށަގަންނަވަން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމަށް ހަގީގީ މާނައިގައި ހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ އެގޮތަށް އިހުތިރާމުކޮށްގެން ކަމަށެވެ. އުމްރާނީ ތަރައްގީ އާއި އިގުތިސޯދީ ތަރައްގީ އާއި އިޖުތިމާއީ ތަރައްގީ ފުރިހަމަވެގެންދާނީ ގައުމުގެ އަފްރާދުންގެ ވިސްނުމާއި ފިކުރު މިގޮތުގައި ތަރައްގީ ކުރެވިގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ގައުމީ ދުވަސް އަޅުގަނޑުމެންނަށް ބުނެދެނީ މިފަދަ އެތައް ކަންކަމެއް، ދަސްކޮށްދެނީ މިފަދަ އެތައް އަގުހުރި ފިލާވަޅުތަކެއް. ގައުމީ ދުވަސް އަޅުގަނޑުމެންނަށް ހިތްވަރުދެނީ ދިވެހިންގެ ކިބައިގައި އިހުގައި ހުރި ރީތި މާތް އަހުލާގީ ސިފަތައް އަނބުރާ އިއާދަކުރަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމީ ދުވަސް ބުނެދެނީ ގައުމީ ވިސްނުމާއި ގައުމީ ރޫހުން ހިތްތަކަށް ހަމަޖެހުން ގެނައުމަށް ކަމަށެވެ. ގައުމީ ދުވަސް އިލްތިމާސް ކުރަނީ އިހުގެ މަތިވެރި އަޖުދާދުން ފަދައިން، އެއްރޫހެއްގައި އެއް އަމާޒެއްގައި އެކީގައި ގުޅިގެން ދެމިތިބުމަށް ކަމަށާއި ބައިބައިވުންތަކާ ދުރުހެލިވުމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.