ގައުމީ ދުވަސް ހަނދާންކޮށްދެނީ ބައިބައިވުންތަކާ ދުރުހެލިވާން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހއ. އުތީމުގައުި މިއަދު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ގައުމީ ދުވަހުގައި އަޅުގަނޑުމެން ކަނޑައަޅަންވީ އެންމެ މުހިއްމު އެއް އަޒުމަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި ތަހުޒީބު ސިފަތައް އަށަގެންނެވުމަށް ކަމަށެވެ. އަޅުގަނޑުމެންގެ އަހުލާގީ އަގުކުރުންތައް އާލާކުރުމާއި އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް ގަދަރުކުރާ، އެކަކު އަނެއްކަކަށް ކަމޭ ހިތާ، އެކަކު އަނެނަކަކަށް ހުރިހާ މާނައެއްގައި އިހްތިރާމް އަދާކުރާ، އެއްބައެއްކަމުގެ އިހްސާސް ދިވެހި އުންމަތުގައި ދިރުވުމަށް ކަމަށެވެ.

"ވަރަށް އާދައިގެ ބައެއް މިސާލު ދަންނަވާލާ ކަމަށް ވަންޏާ، ޓެކްސީ ދަތުރެއް ނިންމާފައި، ފައިބަމުން އެ ކާރު ދުއްވާ މީހާއަށް ޝުކުރިއްޔާއޭ ބުނެލެވޭ ނަމަ، އޭނާ ކިހާ ބޮޑު ހިތްހަމަ ޖެހުމެއް އިހްސާސްކުރާނެތޯ؟ ލިފްޓަކަށް އަރާ އިރު، ފަހަތުން އަންނަ މީހާއަށް ޓަކައި، މަޑުކޮށްލެވޭ ނަމަ، އޭނާއަށް އެއީ ކިހާ ބޮޑު އުފަލަކަށް ވާނެތޯ؟ މަގުމަތީ ދުވާރުމަތިން ހިނގައިފައި ދާ އިރު، އެހެން މީހުންނަށް ޖާގަ ލިބޭ ގޮތަށް އެ ކަމަށް ވިސްނައިގެން ދެވޭ ނަމަ، އެ މީހުންގެ ހިތުގައި އެ ފަދަ މީހަކާ މެދު ކިހާ ކުލުނެއް ގަދަރެއް އުފެދޭނެތޯ؟ ތިމާގެ އަވަށްޓެރިޔާ އަކީ، ނުދަންނަ ބީރައްޓެއްސެއްނަމަވެސް، އަވަށްޓެރިޔާ ވާނީ އަވަށްޓެރިޔާއަށްކަން ދަނެ، އިސްލާމްދީނުގައި އަވަށްޓެރިންނަށް ދޭން އޮންނަ މަގާމާއި ގަދަރާ އިހްތިރާމާއި އަޅާލުން ތިމާގެ ފަރާތުން އަވަށްޓެރިޔާއަށް ދެވޭނަމަ، ބީރަށްޓެހިކަން ރަށްޓެހިކަމަށް ބަދަލުވެ، ތިމާ އުޅޭ މާހައުލުގައި އުފެދިގެންދާނީ ކިހާ އަމާން، ކިހާ ހިތްހަމަޖެހޭ ވެށްޓެއްތޯ؟،"

ރައީސް ވިދާޅުވީ، ގައުމެއްގައި އިހްތިރާމު އަދާކުރުން ހުރިހައި މާނައެއްގައި، ހުރިހައި ދާއިރާއެއްގައި، އަދި ހުރިހައި ދަރަޖައެއްގައި އޮންނަން އެބަޖެހޭ ކަމަށެވެ. އާއިލާއިން ފެށިގެން ގައުމީ މަސްއޫލިއްޔަތުތަކާ ހަމައަށް އިހްތިރާމުކުރުމުގެ އަހްލާގު އަށަގަންނަވަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އެކަކު އަނެކަކަށް ކުރާ އިހްތިރާމްގެ ސަބަބުން އުފެދޭނެ އެއްބައިވަންތަކަމަށް އިތުރު މިސާލު ޖައްސަވަމުން ރައީސް ވިދާޅުވީ، އަނެކާ ދައްކަނީ ތިމާ ހިތް ނުރުހޭ ވާހަކައެއް ނަމަވެސް، ނުވަތަ ތިމާއަށް މުހިންމު ނޫން ވާހަކައެއްނަމަ ވެސް، ނުވަތަ ތާކުންތާކުޖެހޭ ވާހަކައެއްނޫން ނަމަވެސް، ކެތްތެރިކަމާއެކު އެ ވާހަކަ އަޑުއަހައި، ހިނިތުންވުމާއި އިހްތިރާމާއެކު ޖަވާބު ދެވޭނަމަ، ވާހަކަ ދެއްކި މީހަކު ލަދުނުގަނެ، ނިކަމެތިކަން އިހްސާސްނުވެ ތިމާއާމެދު އޭނާގެ ހިތުގައި އުފެދޭނީ ހިތްހަމަޖެހުމާއި ޝކުރުވެރިކަން ކަމަށެވެ.

ހަމަ އެގޮތަށް އޮފީސް ތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން، ގަޑިއަށް ހާޒިރުވެ މަސައްކަތުގެ އަހްލާގާއި އަމާނާތްތެރިކަމާއި ފަރުވާތެރިކަމާއި ތެދުވެރިކަމާއި ޒިންމާދާރުވުމާއެކު، އިހްތިރާކާއެކު ބުރަކޮށް އޮފީހުގެ ވެރީންނާއި މުވައްޒަފުން މަސައްކަތް ކުރުމަކީ، ހިދުމަތް ހޯދަން އަންނަ ރައްޔިތުންނަށް ކިހާ ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމެއްތޯ ވެސް އެމަނިކުފާނު ސުވާލު ކުރެއްވިއެވެ.

"ގައުމަށް ހަގީގީ މާނައިގައި ހަމަޖެހުން އަންނާނީ މިގޮތުން. ގައުމުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނީ މިގޮތުން. ގައުމަށް މާނަހުރި ތަރައްގީއެއް ހާސިލްވެގެންދާނީ މިގޮތުން. އުމްރާނީ ތަރައްގީ އާއި އިގްތިސާދީ ތަރައްގީ އާއި އިޖްތިމާއީ ތަރައްގީ ފުރިހަމަވެގެންދާނީ ގައުމުގެ އަފްރާދުންގެ ވިސްނުމާއި ފިކުރު މިގޮތުގައި ތަރައްގީ ކުރެވިގެން،"

ރައީސް ވިދާޅުވީ، ގައުމީ ދުވަސް އަޅުގަނޑުމެންނަށް ބުނެދެނީ މިފަދަ އެތައް ކަންކަމެއް ކަމަށެވެ. އަދި ދަސްކޮށްދެނީ މިފަދަ އެތައް އަގުހުރި ފިލާވަޅުތަކެއް ކަމަށެވެ.

ގައުމީ ދުވަސް އަޅުގަނޑުމެންނަށް ހިތްވަރުދެނީ ދިވެހިންގެ ކިބައިގައި އިހުގައި ހުރި ރީތި މާތް އަހްލާގީ ސިފަތައް އަނބުރާ އިއާދަކުރަން ކަމަށާއި، ގައުމީ ދުވަސް އަޅުގަނޑުމެންނަށް ބުނެދެނީ ގައުމީ ވިސްނުމާއި ގައުމީ ރޫހުން ހިތްތަކަށް ހަމަޖެހުން ގެންނަން ކަމަށްވެސް ވިދާޅުވިއެވެ.

"ގައުމީ ދުވަސް އަޅުގަނޑުމެންނަށް އިލްތިމާސްކުރަނީ އިހުގެ މަތިވެރި އަޖުދާދުން ފަދައިން، އެއްރޫހެއްގައި އެއް އަމާޒެއްގައި އެކީގައި ގުޅިގެން ދެމިތިބޭން. ގައުމީ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ ބައިބައިވުންތަކާ ދުރުހެލިވާން. އެ ގޮތުން ދިވެހީންގެ ރާއްޖެ، ދިވެހީންގެ ގައުމު، ދިވެހީންނަށް ޓަކައި އުފާވެރި ހިމޭން މަންޒިލެއްގެ ގޮތުގައި ދެމި އޮންނާން،" ރައީސް ވިދާޅުވިއެވެ.