މަސައްކަތުގެ އަހުލާގަށް އަމާނާތްތެރިވުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް ކަމަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރައީސް މިކަމަށް ގޮވާލެއްވީ ހއ. އުތީމުގައި މިއަދު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ގައުމީ ދުވަހުގައި އަޅުގަނޑުމެން ކަނޑައަޅަންވީ އެންމެ މުހިއްމު އެއް އަޒުމަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި ތަހުޒީބު ސިފަތައް އަށަގެންނެވުން ކަމަށެވެ.

އަޒުމު ކަނޑައަޅަންވީ އަޅުގަނޑުމެންގެ އަހުލާގީ އަގުކުރުންތައް އާލާކުރުމާއި، އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް ގަދަރުކުރާ، އެކަކު އަނެއްކަކަށް ކަމޭ ހިތާ، އެކަކު އަނެނަކަކަށް ހުރިހާ މާނައެއްގައި އިހްތިރާމް އަދާކުރާ، އެއްބައެއްކަމުގެ އިހްސާސް ދިވެހި އުންމަތުގައި ދިރުވުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން މަސައްކަތުގެ އަހުލާގުގެ ސިފަތައް ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ، އޮފީހަށް ގަޑިޔަށް ހާޒިރުވުމާއި، އޮފީހުގެ މަސައްކަތުގައި ބުރަކޮށް ވަގުތު ހޭދަކުރުމާއި، ސަލާން ބުނުމަކީ އާދަޔަކަށް ނުހަދައި ތިމާއާ ހަވާލުވެފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ފަރުވާތެރިކަމާއެކު އަދާކުރެވޭނަމަ، އެއީ ދައުލަތަށް އެ މުވައްޒަފެއްގެ ފަރާތުން ލިބޭނެ، ރީތި ނަމަކަށް ވެގެންދާނެ ކަމަށެވެ.

"ފަހަރެއްގައި ވެސް އަޅުގަނޑު މި ދަންނަވަނީ މި ޒަމާނުގައި އަޅުގަނޑުމެން ހޯދައިފައިވާ ހައްގުތަކާ ލުއިކަން ބޭނުން ނުކުރާކަށް ނޫން. އެކަމަކު އަޅުގަނޑު މި އެދެނީ މަސައްކަތުގެ އަހްލާގުގައިވެސް އަމާނާތްތެރިވުމަށް. ފަރުވާތެރިވުމަށް. ތެދުވެރިވުމާއި ޒިންމާދާރުވުމަށް، އާދެ! މަސައްކަތުގެ އަހުލާގަށް އިހްތިރާމް އަދާކުރުމަށް،" ރައީސް ވިދާޅުވިއެވެ.

އޮފީހުގެ ވެރީންނާއި މުވައްޒަފުން މިގޮތުގައި މަސައްކަތުގެ އަހުލާގަށް އިހްތިރާމު އަދާކުރާނަމަ ހިދުމަތް ހޯދަން އަންނަ ރައްޔިތުންނަށް އެ ލިބިގެންދަނީ ކިހާ ބޮޑު ހިތްހަމަޖެހުމެއްތޯވެސް ރައީސް ވަނީ ސުވާލު ކުރައްވައިފައެވެ. އަދި އެކަމުގެ ސަބަބުން މަސައްކަތުން ނެރެދޭ ނަތީޖާ އެތައް ގުނައަކުން މަތިވެ، މުޖުތަމައާއި ގައުމަށް ލިބިގެންދާނީ ކިހާ ބޮޑު ކުރިއެރުމެއްތޯ ވެސް ސުވާލު ކުރައްވާފައިވެއެވެ.

"އެހެންކަމުން، ގައުމެއްގައި އިހްތިރާމު އަދާކުރުން ހުރިހައި މާނައެއްގައި، ހުރިހައި ދާއިރާއެއްގައި، އަދި ހުރިހައި ދަރަޖައެއްގައި އޮންނަން އެބަ ޖެހޭ. އާއިލާއިން ފެށިގެން ގައުމީ މަސްއޫލިއްޔަތުތަކާ ހަމައަށް އިހްތިރާމުކުރުމުގެ އަހްލާގު އަށަގަންނަވަން ޖެހޭ،"

ރައީސް ވިދާޅުވީ، ގައުމަށް ހަގީގީ މާނައިގައި ހަމަޖެހުން އަންނާނީ އެގޮތުގެމަތީން ކަމަށެވެ.

ގައުމުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނީ އަދި ގައުމަށް މާނަހުރި ތަރައްގީއެއް ހާސިލުވެގެންދާނީ މިގޮތުން ކަމަށްވެސް ވިދާޅުވިއެވެ.