އިސްލާމްދީނާ ބީރައްޓެހި ސިޔާސަތު ތަންފީޒު ކުރި ކޮންމެ ފަހަރަކު ގައުމީ މިނިވަންކަން އޮތީ ގެއްލިފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހއ. އުތީމުގައި މިއަދު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ގައުމީ ދުވަސް އަޅުގަނޑުމެންނަށް ގެނެސްދޭ މުހިންމު އެއް އިބްރަތަކީ މާތްވެންވާ އިސްލާމްދީނަށް ވަފާތެރިވުމުގެ ފޮނި ނަތީޖާ އާއި އިސްލާމްދީނަށް އިހާނެތިކޮށް ހިތުމުގެ ހިތިކަމާއި އޭގައި ހުރި ނިކަމެތިކަން ކަމަށެވެ.

"ދިވެހި ގައުމާ ގުޅިފައިވާ ރަނގަޅު ހުރިހާ ކަމެއް، އެތުރިފައި ވަނީ ދީނުގެ ޖައުހަރުގެ ވަށައިގެން. އިސްލާމްދީން އެއީ ދިވެހި ގައުމުގެ ނާރެސް. ކީރިތި ގުރްއާނަކީ ދިވެހި ގައުމިއްޔަތުގެ މަދު. ހިތްދަތިކަމުގައި އެތައް އަހަރަކު ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަތް ދަށުގައި އޮންނާން ޖެހުނީ އަޅުގަނޑުމެންގެ ކުރެ އެންމެ މީހަކު މާތްވެގެންވާ އިސްލާމްދީން ދޫކޮށްލުމުގެ ސަބަބުން. އެ ހިސާބުން އޭނާއާ ދިވެހި ފަސްގަނޑާ ދެމެދު އޮތް ރޫހާނީ ގުޅުން ކެނޑުނީ. ވަތަނީ ލޯތްބާއި ކުލުނުގެ އަސާސް ރޫޅި ފުނޑުފުނޑުވީ،"

ރައީސް ވިދާޅުވީ، ދީން ދޫކޮށްލާ ހިސާބުން އެ ހިޔާނާތްތެރިވެވުނީ ހަމަ އެކަނި ދީނަށް ނޫން ކަަމަށާއި އެ ހިޔާނާތްތެރި ވެވުނީ ދިވެހި ގައުމަށް ކަމަށެވެ.

އެ ހިޔާނާތްތެރި ވެވުނީ ދިވެހި ރާއްޖެ އާއި ދިވެހި ދައުލަތަށާއި ދިވެހީންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ހިޔާނާތްތެރި ވެވުނީ ދިވެހީންގެ އަބުރާއި އިއްޒަތާއި މުޅި ދިވެހި ތާރީހަށް ވެސް ވިދާޅުވިއެވެ.

"ދީން އަޅުގަނޑުމެންނަށް ލިބިދެނީ ކޮން ކަމެއްތޯ؟ ޝައްކެތް ނެތް ދެދުނިޔޭގެ ބާއްޖަވެރިކަން. ދީނުގައި އެ ފަދަ މަތިވެރި ބާރެއް، އެ ފަދަ ދިރުން ހުރި ރޫހެއް އެކުލެވިގެންވޭ. އުތީމު މަހާރަދުން ޖިހާދުކުރެއްވީ ދީނަށް ޓަކައި. މި ލޮބުވެތި އުތީމު ފަސްގަނޑުގައި އެހެރަ ކަނދުވަލު މިސްކިތުގައި އުތީމު ތިންބޭން ހަނގުރާމައިގެ ދިދަބެންނެވީ މާތްވެގެންވާ އިސްލާމްދީނަށް ޓަކައި. ހަނގުރާމައިން ހާސިލުކުރައްވަން ބޭނުންފުޅުވާ އަމާޒު އެ ބޭފުޅުން ކަނޑައެޅުއްވި ގޮތް އަޅުގަނޑުމެން ހަނދާން އެބަ ހުރި. އެއީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ރާއްޖޭގެ ސަލާމަތަށްޓަކައި ނަސްރު ލިބިވަޑައިގަންނަވަންދެން ޖިހާދުކުރެއްވުން. ނޫނީ ޝަހީދުވެގެން ފުރިހަމަ މުސްލިމެއްގެ ގޮތުގައި ﷲގެ ރަހްމަތަށް ވާސިލުވުން،"

ރައީސް ވިދާޅުވީ އެކަމުންވެސް ގައުމީ ދުވަހުގެ ހާދިސާ އާއި މާތްވެގެންވާ އިސްލާމްދީނާ އޮތް ގުޅުން ނިކަން ފުރިހަމަޔަށް ފެންނަ ކަމަށެވެ.

އެކަމުން ގައުމުގެ މިނިވަންކަމާއި އިސްލާމްދީނާ ގުޅި ލާމެހިފައިވާ މިންވަރު ހާމަވެގެންދާ ކަމަށާއި އިސްލާމް ދީނާ ބީރައްޓެހި ނުވަތަ އިސްލާމްދީނާ ދުރު ސިޔާސަތުތައް ތަންފީޒު ކުރާ ކޮންމެ ފަހަރަކު، ދިވެހި ގައުމުގެ މިނިވަންކަން އޮތީ ގެއްލިފައި ނުވަތަ ރާއްޖޭގެ މިނިވަންކަން ވަނީ ނުރައްކަލުގެ ތުންފަތްމައްޗަށް ހުށަހެޅިފައި ކަމަށްވެސް ވިދާޅުވިއެވެ.