ކޮންމެ ދިވެއްސެއްގެ އަޒުމަކަށް ވާންވާނީ އަބަދުވެސް ގައުމަށް ހެޔޮއެދުމާއި ގައުމަށްޓަކައި ކަންކަން ކުރުމުގެ އަޒުމް ބެހެއްޓުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހއ. އުތީމުގައި މިއަދު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އުތީމު މަހާރަދުންގެ ހާއްސަ އެއް ހުނަރަކީ އެ ރަދުންގެ ޑިޕްލޮމަސީ ކަމަށެވެ
"އެ ރަދުން ޕޯޗުގީޒުންނާ ކަވާސާވެވަޑައިގަތް. ދިވެހީންނެކޭ އެއް ގޮތަށް، އެމީހުންގެ ވެސް އިތުބާރު ހޯއްދެވި. އެމީހުންނާ އެކު އޮމާން ގުޅުމެއް ބާއްވަވައިގެން، ކަޅުއޮއްފުންމި ބަންނަވައި ސިއްރު ގޮތުގައި ހަނގުރާމައަށް ތައްޔާރުވެވަޑައިގަތް. މި ކަމުން އެނގެނީ އަޅުގަނޑުމެން ބޭރު ބާރުތަކުގެ ތެރޭގައި ގިރިގެން ގޮސްގެން ނުވާނެކަން. ދިވެހީންނަކީ އިސްލާމުންނަކީ އެއަށް ވުރެ މާ ހަރު ބައެއް. ހަރުދަނާ ބައެއް. އަޅުގަނޑުމެން އަޒުމާއި އީމާނުގައި އަބަދުވެސް އާރުލާން ޖެހޭނެ. ގައުމީ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ އަނެއް ކަމަކީ މިއީ. އަޅުގަނޑުމެން ތިބޭނީ އަޅުގަނޑުމެންގެ ދީނުގައި އަޅުގަނޑުމެންގެ ގައުމީ ސިޔާދަތާއި ގައުމުގެ މިނިވަންކަމާ އެކީގައިކަން،"
ހަމަ މިއާއެކު ގާއިދެއްގެ ހައިސިއްޔަތު ނުވަތަ ހަނގުރާމަވެރި ލީޑަރެއްގެ ހައިސިއްޔަތުން އުތީމު މަހާރަދުން ދެއްވާ ފިލާވަޅުތަކަށް ވިސްނާލާ އިރު، އެ ރަދުން ދުރާލާ ހަނގުރާމައިގެ އުކުޅުތައް ދަސްފުޅުކުރެއްވި ކަމަށާއި ބަޑިހެވިކަމާއި ކަނޑިހެވިކަން ފަދަ އެ ޒަމާނުގެ އުކުޅުތައް ވަރަށް މަތީފެންވަރެއްގައި އުނގެނިވަޑައިގެންނެވި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެއަށް ފަހު ހަތިޔާރު ހޯއްދެވައި ރާއްޖޭގެ ތަފާތު އެކި ކަންކޮޅުތަކުން މީހުންނާ ގުޅުން އުފެއްދެވި ކަމަށާއި ހަނގުރާމަ ފެއްޓެވުމުގެ ކުރިން އާއިލާ މަލިކަށް ބަދަލުކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ. އެއީ ހަނގުރާމަ ފެށޭ ތަނާ ދުޝްމަނުންގެ އުކުޅަކުން އާއިލާގެ ބޭފުޅަކު ކިޑްނެޕްކޮށްފި ނަމަ ދެން ކުރިމަތިވާނެ މައްސަލަތައް ކުރިމަތިވިޔަ ނުދިނުމަށްޓަކައެވެ.
"މި ފަދަ ހުރިހައި ކަމަކުން އެނގެނީ ގައުމީ ދުވަހުގެ ބަތަލު އުތީމު މަހާރަދުންނަކީ އާދަޔާ ހިލާފު ދިވެހި ޝަހްސިއްޔަތެއްކަން. އެތަކުރުފާނުގެ ހަޔާތްޕުޅުން އަޅުގަނޑުމެންނަށް ގައުމީ އެތައް ފިލާވަޅެއް ލިބިދޭކަން. އަދި އޭރުގެ ދިވެހީން އެ ފިލާވަޅު ލިބިގަތްކަން. އަޅުގަނޑުމެން މިހާރުގެ ދިވެހީން ވެސް މި ތިބީ އެ ގޮތުގާ. އަޅުގަނޑުމެން ދިރުވާނީ ގައުމީ ރޫޙު. ޤައުމީ ލޯބި. އަބަދުވެސް އަޒުމަކަށް ވާނީ ގައުމަށް ހެޔޮ އެދުން،"
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު