ގައުމީ ދުވަހުގެ ބަތަލުންގެ ކޮންމެ ހަރަކާތަކީ އަދުގެ ޖީލުތަކަށް އޮތް ފިލާވަޅުތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އުތީމުގައި މިއަދު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ގައުމީ ދުވަސް ބުނެދޭ އަނެއް ހަގީގަތަކީ ގައުމީ ދުވަހުގެ ބަތޮލަށް މުޅި ރާއްޖޭން ފުރިހަމަޔަށް ދެމުން އައި ފުރިހަމަ އިޖާބަ ކަމަށެވެ. އެކަމުގައި އެކުލެވިގެންވާ އަގުހުރި ގައުމީ ފިލާވަޅު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ މުޅި ރާއްޖޭގެ ވިސްނުމަކަށް ވާންވީ، މި ލޮބުވެތި ފަސްގަނޑުގެ ހައްގުގައި އަޅުގަނޑުމެން އެ މަތިވެރި އަޖުދާދުންގެ ހަރުދަނާ އަމަލުތަކުން ފިލާވަޅު ލިބިގަތުން. އެ ގޮތުގައި، ގައުމީ ވިސްނުމުގައި، ފިޔަވަޅުތައް ކުރިޔަށް އަޅަމުންދިޔުން. އަބަދުވެސް ގައުމާ ދިމާޔަށް އަޅުގަނޑުމެންގެ ހިތްތަކާ ނިތްތައް ސީދާކުރުން. އެގޮތުގައި އެއް ރޫހެއްގައި އެއް އަޒުމެއްގައި އެއް އަމާޒެއްގައި އެއް ބައެއްގެ ގޮތުގައި ދެމި ތިބުން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމީ ދުވަހުގެ ކާބަފައިން އަޅުގަނޑުމެންނަށް ދައްކައިދޭ އަނެއް ހަގީގީ މަންޒަރަކީ މަދު މީހަކު ގޯޅި އަޅައިގެން ދިޔަޔަސް، ތަފާތު އެކި ފެންވަރުގައި ދިވެހީންނަކީ ދިވެހި ކާބަފައި އަޖުދާދުންނަކީ އަބަދުވެސް ގައުމީ ވިސްނުން އިސްކުރި ބައެއްކަން ކަމަށެވެ. ގައުމުގެ ހައްގުގައި ލެޔާއި ދާ އޮހޮރާލުމަކީ ދިވެހި ގައުމީ ސިފައެއް ކަމަށާއި އެކަމުގައި ވަކި ފަންތިއެއް ގިންތިއެއް ތަފާތެއް ނޯންނަކަން ހާމަކޮށްދިން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ކަޅުއޮއްފުންމި ބަންނަވަން މާވަޑިން ހޯއްދަވަން އެތަކުރުފާނު ކުރެއްވި ދަތުރަށް ބައްލަވާލައްވާ! ރާއްޖޭގެ ތަފާތު 40 ރަށުން 40 މާވަޑައިން އެ ކަމުގައި ބައިވެރިވި. މި ކަމުން އެނގެނީ މި ބޮޑު ގައުމީ ޖިހާދުގައި މުޅި ރާއްޖެ ބައިވެރިވިކަން،" ރައީސް ވިދާޅުވިއެވެ.

މިކަމުން އެނގެނީ ދިވެހި މުޅި ގައުމުގައި ވަނީ ގައުމީ ވިސްނުން ކަމަށާއި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން އޮތީ ގައުމު އިސްކޮށްގެންކަން ކާބަފައިން ދަސްކޮށްދީފައިވާ ކަމަށެވެ. އެ ފިލާވަޅު މި އަދާހަމަޔަށް ފެންނަން އެބަ އޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.