ގައުމުގެ ރައްކާތެރިކަން އޮތީ ގައުމީ ވިސްނުމުގައިކަން ތާރީހުން އެނގެން އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އުތީމުގައި މިއަދު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ގައުމީ ދުވަހުގެ ކާބަފައިން އަޅުގަނޑުމެންނަށް ދައްކައިދޭ އަނެއް ހަގީގީ މަންޒަރަކީ މަދު މީހަކު ގޯޅި އަޅައިގެން ދިޔަޔަސް، ތަފާތު އެކި ފެންވަރުގައި ދިވެހީންނަކީ ދިވެހި ކާބަފައި އަޖުދާދުންނަކީ އަބަދުވެސް ގައުމީ ވިސްނުން އިސްކުރި ބައެއްކަން ކަމަށެވެ. ގައުމުގެ ހައްގުގައި ލެޔާއި ދާ އޮހޮރާލުމަކީ ދިވެހި ގައުމީ ސިފައެއް ކަމަށާއި އެކަމުގައި ވަކި ފަންތިއެއް ގިންތިއެއް ތަފާތެއް ނޯންނަކަން ހާމަކޮށްދިން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ގައުމީ ދުވަސް ބުނެދޭ އަނެއް ހަގީގަތަކީ ގައުމީ ދުވަހުގެ ބަތޮލަށް މުޅި ރާއްޖޭން ފުރިހަމަޔަށް ދެމުން އައި ފުރިހަމަ އިޖާބަ ކަމަށެވެ. އެކަމުގައި އެކުލެވިގެންވާ އަގުހުރި ގައުމީ ފިލާވަޅު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ކަޅުއޮއްފުންމި ބަންނަވަން މާވަޑިން ހޯއްދަވަން އެތަކުރުފާނު ކުރެއްވި ދަތުރަށް ބައްލަވާލައްވާ! ރާއްޖޭގެ ތަފާތު 40 ރަށުން 40 މާވަޑައިން އެ ކަމުގައި ބައިވެރިވި. މި ކަމުން އެނގެނީ މި ބޮޑު ގައުމީ ޖިހާދުގައި މުޅި ރާއްޖެ ބައިވެރިވިކަން. އެހެން އިބާރާތަކުން ދަންނަވާ ނަމަ، މިކަމުން އެނގެނީ ދިވެހި މުޅި ގައުމުގައި ވަނީ ގައުމީ ވިސްނުންކަން. ގައުމުގެ ސަލާމަތާއި ރައްކާތެރިކަން އޮތީ ގައުމު އިސްކޮށްގެންކަން އަޅުގަނޑުމެންގެ ކާބަފައިން ދަސްކޮށްދޭކަން. އެ ފިލާވަޅު މި އަދާހަމަޔަށް ފެންނަން އެބަ އޮތްކަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުޅި ރާއްޖޭގެ ވިސްނުމަކަށް ވާންވީ، މި ލޮބުވެތި ފަސްގަނޑުގެ ހައްގުގައި އެ މަތިވެރި އަޖުދާދުންގެ ހަރުދަނާ އަމަލުތަކުން ފިލާވަޅު ލިބިގަތުން ކަމަށެވެ. އެ ގޮތުގައި، ގައުމީ ވިސްނުމުގައި، ފިޔަވަޅުތައް ކުރިޔަށް އަޅަމުންދިޔުން ކަމަށާއި އަބަދުވެސް ގައުމާ ދިމާޔަށް ހިތްތަކާއި ނިތްތައް ސީދާ ކުރުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް