ގައުމީ ދުވަސް ބުނެދެނީ ކާބަފައިން އަބަދުވެސް ތިބީ ގައުމީ ފަޅީގައިކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހއ. އުތީމުގައި މިއަދު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޕޯޗުގީޒުންގެ ވާގިވެރިކަން ހޯއްދެވި، ނުވަވަނަ ހަސަން ރަސްގެފާނަށް ދިވެހީން ދިން ރައްދު ޖަވާބަށް ބެލުން މުހިންމު ކަމަށެވެ. އެގޮތުން އޭރު ޕޯޗުގީޒުންގެ ހިމާޔަތުގައި އޭނާ ހުންނެވި އިރު، އޭނާ ވަނީ ދިވެހީންގެ ދީނުގެ ހުރުމަތް ކަނޑާފައި ކަމަށެވެ. އަދި އޭނާ ވަނީ ދިވެހި ތަހުތުގެ ބޭނުމުގައި ބޭރު ބާރަކާއެކު، ގައުމަށް ގެއްލުން ހުރި ގުޅުންތަކެއް އުފައްދާފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އޭނާއަކީ ރާއްޖޭގެ ރަސްކަން ކުރައްވާފައިވާ ބޭފުޅަކަށްވާތީ، އޭނާއަށް ތާއިދުކުރި ބަޔަކާއި އަދި ސިޔާސީ ގޮތުން އިދިކޮޅު ވިސްނުމެއް ރާއްޖޭގައި އޭރު އޮތް. ހަމަ އެހެންމެ އޭރު ތަހުތުގައި އިންނެވި އަލިރަސްގެފާނުގެ ކުރިން ދިވެހި ތަހުތުގައި އިންނެވި އަބޫބަކުރު ރަސްގެފާނު އަލިރަސްގެފާނުގެ ވާދަވެރިއެއްގެ ގޮތުގައި އޭރު ރާއްޖޭގައި ފުރަ މާލެގައި ހުންނެވި. އެ ހާލަތުގައި ދިވެހި ސިޔާސީ ވެރިންނާއި އާންމު ރައްޔިތުން އިސްކުރެއްވީ ކޮންކަމެއްތޯ؟" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަބޫބަކުރު ރަސްގެފާނާއި އަލިރަސްގެފާނާއި މުޅި ދިވެހިރައްޔިތުން އިސްކުރެއްވީ ގައުމާއި ދިވެހި ގައުމީ ވިސްނުން ކަމަށެވެ. ދިވެހީންގެ ރާއްޖެ އާއި މާތްވެގެންވާ އިސްލާމްދީން ކަމަށެވެ.
"ހަސަން ރަސްގެފާނު އެ ގެންގުޅުއްވާ ގައުމާ ދީނާ އިދިކޮޅު ވިސްނުމަށް ފާޅުގާ ނޫނެކޭ ވިދާޅުވި. ދިވެހި ރައްޔިތުން ވެސް ނެންގެވީ ގައުމީ ފަޅި. ގައުމަށް ހެޔޮ އެދުމުގެ ފަޅި. އެހެންވީމާ ގައުމީ ދުވަސް އަޅުގަނޑުމެންނާ ބައްދަލު ކުރި އެއް ސަބަބަކީ މި ކަންކަން ހަނދާންކޮށްދިނުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގައުމީ ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރީ ދިވެހި ފަހުރުވެރި ކާބަފައިންނެކޭ އެއް ފަދައިން، ގައުމީ ލޯބިން ހިތްތައް ފުރާލަން ދަސްކޮށްދޭން ކަމަށާއި ގައުމީ ލޯތްބަށް އާނއެކޭ ބުނުމުގެ މަތިވެރި ނަސީބު ހަނދާންކޮށްދޭން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު