ރާއްޖޭގައި ފަރުމަސްވެރިކަމަށް ހާއްސަކޮށްގެން ބިނާކުރާ ފުރަތަމަ އައިސްޕްލާންޓް އއ. އުކުޅަހުގައި ގާއިމުކުރުމަށްޓަކައި، އެ މަސައްކަތް ކުރާނެ ބަޔަކާ ސަރުކާރުން މިއަދު ހަވާލުކޮށްފިއެވެ.

އެ މަޝްރޫއު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އއ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، އުކުޅަހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ މަސައްކަތް ސަރުކާރުން ހަވާލުކުރީ ޅެހި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާއެވެ. ފިޝަރީޒް މިނިސްޓްރީއާއި އެ ކުންފުންޏާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، އެ އައިސްޕްލާންޓުގެ މަސައްކަތް ކުރިއަށް އޮތް ފަސް މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

މިއީ ރާއްޖޭގައި ފަރުމަސްވެރިކަމަށް އެކަނި އަމާޒުކޮށްގެން އައިސްޕްލާންޓެއް ބިނާކުރާ ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން އުކުޅަހުގައި ގާއިމުކުރާނީ ފަސް ޓަނުގެ އައިސްޕްލާންޓެއް ކަމަށެވެ. ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދާ އުކުޅަހުގައި އެ ޕްލާންޓް ގާއިމުކުރުމުން، ފަރުމަސްވެރިކަން ކުރާ އުޅަނދުފަހަރަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމުގެ އިތުރުން، އެ ރަށުގެ ކެފޭތަކާއި ރެސްޓޯރެންޓްތަކަށްވެސް އައިސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.