އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގައި، އެމެރިކާގެ އަތުގައި ހުރި ދުރު ރާސްތާގެ ޕްރިސިޝަން މިސައިލްތަކުގެ ސްޓޮކް ގާތްގަނޑަކަށް އެއްކޮށް ހުސްވެފައިވާ ކަމަށް ރޮއިޓާސްއާއި ސީބީއެސް ނިއުސްއިން ރިޕޯޓުކޮށްފިއެވެ.

މި ކަމާ ގުޅޭ މައުލޫމާތު އެނގޭ ތިން މަސްދަރަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާއިން ވަނީ އެ ގައުމުގެ އާމީ ޓެކްޓިކަލް މިސައިލް ސިސްޓަމް (އޭޓީއޭސީއެމްއެސް) އަދި ޕްރިސިޝަން ސްޓްރައިކް މިސައިލްގެ ގްލޯބަލް ސްޓޮކްގެ ބޮޑު ބައެއް މިހާރު ބޭނުންކޮށްފައެވެ. މިއީ އެމެރިކާގެ އަސްކަރިއްޔާއިން ދުރު ރާސްތާގެ ހަމަލާތައް ދިނުމަށް ބޭނުންކުރާ މުހިންމު ދެ ހަތިޔާރެވެ. ސީބީއެސް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަނގުރާމައިގެ ކުރީކޮޅު އެމެރިކާއިން މިސައިލް ބޭނުންކުރި މިންވަރަށް ބަލާއިރު، އެ ނިސްބަތުގައި ހަތިޔާރު ބޭނުންކުރުން ކުރިޔަކަށް ނުގެންދެވޭނެއެވެ.

ނަމަވެސް، އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިން ވަނީ ހަތިޔާރު މަދުވަމުންދާ ކަމަށް ބުނެ ފާޅުކުރަމުންދާ ކަންބޮޑުވުންތައް ދޮގުކޮށްފައެވެ.

ޕެންޓަގަންގެ ޗީފް ސްޕޯކްސްޕާސަން ޝޯން ޕާނެލް ވިދާޅުވި ގޮތުގައި، އެމެރިކާގެ އަސްކަރިއްޔާއަކީ ދުނިޔޭގެ އެންމެ ބާރުގަދަ އަސްކަރިއްޔާއެވެ. އަދި ރައީސް ބޭނުންފުޅުވާ ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި އޮޕަރޭޝަންތައް ހިންގުމުގެ ގާބިލުކަން އެބަހުރި ކަމަށާއި، އެމެރިކާގެ ރައްޔިތުންނާއި އެ ގައުމުގެ މަސްލަހަތު ހިމާޔަތްކުރުމަށް ބޭނުންވާ ހަތިޔާރުގެ ފުރިހަމަ ސްޓޮކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވެސް ވަނީ މިފަދަ ވާހަކަތައް ދޮގުކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި، އެމެރިކާގެ ހަތިޔާރުގެ ސްޓޮކް ވަރުގަދަވާނެއެވެ. އަދި ކުރިއަށް ވުރެ ގިނައިން މިހާރު ހަތިޔާރު އުފައްދަމުންދާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.