މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން، ނެޓްފްލިކްސްގެ ޝޯ 'ދޭސީ ބްލިންގް' އިން މަޝްހޫރުކަން ހޯދާފައިވާ އިންޑިއާގެ ވިޔަފާރިވެރިޔާ ސަތީޝް ސަންޕާލްގެ މުދަލާއި އެކައުންޓުތައް ޔޫއޭއީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ވަގުތީ ގޮތުން ހިފަހައްޓައިފިއެވެ.
އިންޑިއާގެ އިކޮނޮމިކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރީން ނެރުނު މި އަމުރުގެ ދަށުން ސަތީޝްގެ އަމިއްލަ ބޭންކު އެކައުންޓުތަކާއި ޑިޖިޓަލް ވޮލެޓުތަކުގެ އިތުރުން، އޭނާގެ އަނބިމީހާ ތަބިންދާ ސަންޕާލްގެ އެކައުންޓުތައް ވެސް ވަނީ ފްރީޒްކޮށްފައެވެ. މީގެ އިތުރުން، އޭނާގެ ހިއްސާ އޮންނަ އެނެކްސް ކެޕިޓަލް އާއި އެސްއެސްބީ ބާޒާރު ފަދަ ކުންފުނިތަކުގެ އެކައުންޓުތަކުން ފައިސާ ނެގުމާއި ޓްރާންސްފާކުރުން ވެސް ވަނީ މަނާކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ސަތީޝްގެ މިލްކިއްޔާތުގެ އަގު 1.5 ބިލިއަން ޑޮލަރަށް އަރައެވެ.
އެފްއައިޔޫއިން ޔޫއޭއީގެ ބޭންކުތަކަށާއި މާލީ އިދާރާތަކަށް އަންގާފައިވަނީ ޝައްކު ކުރެވޭ މާލީ މުއާމަލާތްތަކެއް ތަހުގީގުކުރަމުންދާތީ، ސަތީޝްއާ ގުޅުން ހުރި އެއްވެސް އެކައުންޓަކުން މުއާމަލާތްކުރުން ހުއްޓުވުމަށެވެ. މިހާތަނަށް ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން އޭނާގެ މައްޗަށް ރަސްމީކޮށް އެއްވެސް ދައުވާއެއް އުފުލާފައި ނުވާ ކަމަށް މީޑިއާތަކުން ބުނެއެވެ.
މި ފިޔަވަޅާ ގުޅިގެން ސަތީޝްގެ ފަރާތުން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް، މީގެ ކުރިން އޭނާ ވަނީ ވިޔަފާރީގެ މުއާމަލާތްތަކާ ގުޅޭގޮތުން މީޑިއާގައި ފަތުރާ ވާހަކަތައް ދޮގުކޮށްފައެވެ. ޔޫއޭއީގެ ގާނޫނުތައް ބުނާ ގޮތުން، އެފްއައިޔޫއިން މި މުއްދަތު އިތުރުކުރަން ނާންގާ ނަމަ، 30 ދުވަސް ފަހުން މި އެކައުންޓުތައް އާންމު ހާލަތަށް ބަދަލުކުރަން ޖެހޭނެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ކޮމެންޓް