ލުބުނާނުގެ ދެކުނުގައި ހުންނަ އދ.ގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ ބޯފޯޓް ކިއްލާ ކައިރީގައި އިސްރާއީލު ސިފައިން ދިން ބާރުގަދަ ހަމަލާ ތަކަކީ ނުރައްކާތެރި އަމަލެއް ކަމަށާއި، އެއީ ދާދި ފަހުން އެކުލަވާލި އެއްބަސްވުމަށް އޮތް ސީދާ ހުރަހެއް ކަމަށް ލުބުނާނުގެ ރައީސް ޖޯސެފް އައުން މިއަދު ވިދާޅުވެއްޖެއެވެ.
ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އިސްރާއީލުން ދިން މި ހަމަލާތަކަކީ މަސްރަހު އިތުރަށް ގޯސްކުރާނެ ކަމެކެވެ. މިއީ އިސްރާއީލާއި ލުބުނާނާ ދެމެދު ގާއިމުކޮށްފައިވާ އޮނިގަނޑުގެ އެއްބަސްވުމުގެ ދަށުން ފަށާފައިވާ ސުލްހައިގެ މަސައްކަތްތަކަށް ހުރަސްއެޅޭނެ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަންނަ ހަފުތާގައި އިޓަލީގެ ރޯމްގައި މި އެއްބަސްވުމާ ގުޅޭ އިތުރު މަޝްވަރާތައް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައި މިފަދަ ހަމަލާއެއް ދިނުމަކީ ނުރަނގަޅު މެސެޖެއް ދޭ ކަމެއް ކަމަށް ރައީސް އައުން ވިދާޅުވި ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 700 ޓަނުގެ ގޮވާތަކެތި ބޭނުންކޮށްގެން ގޮއްވާލާފައިވަނީ ބޯފޯޓް ސަރަހައްދުގައި ހިޒްބުﷲ ޖަމާއަތުން ހަދާފައިވާ ބިމުއަޑީގެ ޓަނަލްތަކެއް ކަމަށެވެ. އިސްރާއީލުން ބުނާ ގޮތުގައި މި ހަމަލާ ދީފައިވަނީ ހިޒްބުﷲ އިން އެއްބަސްވުމާ ހިލާފަށް އިސްރާއީލުގެ އަސްކަރީ އުޅަނދަކަށް ޑްރޯން ހަމަލާއެއް ދިނުމާ ގުޅިގެންނެވެ.
ޔުނެސްކޯގެ ނުރައްކަލަށް ހުށަހެޅިފައިވާ ތަރިކައިގެ ލިސްޓުގައި ދާދި ފަހުން ހިމެނި މި ކިއްލާ ހުންނަ ސަރަހައްދަކީ މިހާރު އިސްރާއީލު ސިފައިންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދެކެވެ. ލުބުނާނުގެ ނޭޝަނަލް ސެންޓަރ ފޯ ޖިއޯފިޒިކްސްއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ގޮވުންތަކުގެ ސަބަބުން 3.8 މެގްނިޓިއުޑްގެ ބިންހެލުމަކާ އެއްވަރުގެ ލޮޅުމެއް އެ ސަރަހައްދަށް އަރާފައިވެއެވެ. ލުބުނާނުގެ ސަގާފަތާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، ކިއްލާއަށް ލިބިފައިވާ ގެއްލުން ވަޒަންކުރެވޭނީ އެ ސަރަހައްދަށް ގޮސް ބެލުމަށްފަހުގައެވެ. ނަމަވެސް އެ ސަރަހައްދު އޮތީ އިސްރާއީލުގެ ބާރުގެ ދަށުގައި ކަމަށްވާތީ އެކަން އަދި ވަނީ ނުކުރެވިފައެވެ.
ލުބުނާނު
ލުބުނާނު
ލުބުނާނު
ލުބުނާނު
ކޮމެންޓް