މާލޭގެ ބޮޑުތަކުރުފާނުމަގުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކުރިމައްޗަށްވާ ގޮތަށް އޮތް ހުސްބިމުގައި ފެރީ ޓާމިނަލަކާއި ސައިކަލް ޕާކިން ޒޯނެއް ހިމެނޭ ގޮތަށް ޒަމާނީ އިމާރާތެއް ތަރައްގީކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މި ނިންމުން ނިންމާފައި ވަނީ އެ ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ ހުށަހެޅުއްވި މި މަޝްރޫއު ކައުންސިލްގެ އިއްތިފާގުން މިހާރު ވަނީ އިތުރަށް ދިރާސާ ކުރުމަށް އާބަން ޕްލޭނިން ކޮމިޓީއަށް ފޮނުވައިފައެވެ.
މާލޭ ސިޓީ ކައުންސިލުން ބުނިގޮތުގައި އެ އިމާރާތުގެ ޕްލޭންގައިވާ ގޮތުން، އިމާރާތުގެ ގްރައުންޑް ފްލޯ ހާއްސަ ކުރެވިފައި ވަނީ ފެރީ ޓާމިނަލަކަށެވެ.
އެ ކައުންސިލުން ބުނިގޮތުގައި ޓާމިނަލްގެ ގްރައުންޑް ފްލޯގައި އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކަށާއި މާލެއިން ފުރާ ފަރާތްތަކަށް ހިތްފަސޭހަކަމާ އެކު މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެއެވެ. އަދި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ހާއްސަ ފާހާނާބަރިތަކާއި ލުއިކާނާ ލިބޭނެ މިނީ ޝޮޕެއްގެ އިތުރުން ނަމާދުކޮށްލުމަށް ހާއްސަ ކުޑަ ކޮޓަރިއެއްވެސް މި ފަންގިފިލާގައި ގާއިމުކުރުމަށް ވަނީ ހުށަހަޅައިފައެވެ.
އިމާރާތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ސައިކަލް ޕާކު ކުރުމަށެވެ. މިއީ ކޮންމެ ރައްޔިތަކަށްވެސް ހިލޭ ސައިކަލް ޕާކުކުރެވޭނެ އިންތިޒާމެއް ކަމަށް ޒަހިއްޔާ ވިދާޅުވިއެވެ. އިމާރާތުގެ އެންމެ މަތީގައި ނުވަތަ ރޫފްޓޮޕްގައި ފުޑް ކޯޓުތަކެއް ހުންނާނެ ކަމަށާއި، އެތަނަށް އަރާ ފޭބުމަށް ލިފްޓެއް ބެހެއްޓިފައި ހުންނާނެ ކަމަށްވެސް ޕްލޭންގައިވެއެވެ.
އާއިޝަތު މާހާ
ކުށް
މާލޭ ސިޓީ ކައުންސިލް
އުރީދޫ މޯލްޑިވްސް
ކޮމެންޓް