ސަރުކާރާ ދެކޮޅު ޝުއޫރު ފާޅުކުރާ މީހުން ސަރުކާރާއި ދައުލަތުގެ ކުންފުނިތަކުގެ ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލިސް ތަޅުމުން ބޭރުކޮށްލައިފިއެވެ.

މި ގަރާރު ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފު ޒާކިރެވެ.

މި ގަރާރުގައި ބުނެފައިވަނީ ގާނޫނުގެ ކުރިމަތީގައި އާއި އެމީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެއް ކަމަށާއި ގާނޫނުގެ ރައްކާތެރިކަމާއި ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާ އެކު ލިބުމަކީ ކޮންމެ މީހެއްގެ ހައްގެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ބިލު ހުށަަހަޅުއްވަމުން މައުރޫފު ވިދާޅުވީ، ކޮންމެ ރައްޔިތަކަށް އެމީހަކު އިހުތިޔާރު ކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މުވައްޒަފުންގެ މަސައްކަތުގެ ގާބިލްކަން ނުވަތަ އަހުލާގީ މިންގަނޑު ރަނގަޅު ކުރުމަށް ވަޒީފާއާ ބެހޭ ގާނޫނުން ފިޔަވަޅު އެޅުމަށްފަހު ވެސް، މަސައްކަތުގެ އަހުލާގީ ނުވަތަ ވަޒީފާ އަދާކުރާތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ ޒިންމާ އަދާ ނުކުރާކަމުގެ އެކަށީގެންވާ ސަބަބަކާ ލައިގެން މެނުވީ މުވައްޒަފަކު އޭނާގެ ވަޒީފާއިން ވަކިކޮށްގެން ނުވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ކުންފުނިތަކުގެ މުވައްޒަފުން 33 ޕަސެންޓަށް މަދުކުރުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކުރިތާ އެތައް ދުވަހެއް ފާއިތުވި ނަމަވެސް، އެކަމަށްޓަކައި އިހްލާސްތެރިކަމާއި ހާމަކަމާއި ހަމަކަމުގެ އުސޫލުން އެއްވެސް ކަމެއް ކޮށްފައިނުވާ ހިނދު ކުއްލި ގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރަމުންދަނީ،" މައުރޫފު ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ އެގޮތަށް ވަޒީފާތަކުން ވަކިކުރަމުންދަނީ، މި ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް ޝުއޫރު ފާޅުކުރާ ރައްޔިތުންނާއި އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތައް އެކަނި ކަމަށެވެ.

އެ މުވައްޒަފު ވަކިކުރަނީ، ވަޒީފާއާބެހޭ ގާނޫނުގައި ލާޒިމުކުރާ ފަދަ އެކަށީގެންވާ ސަބަބަކާ ލައިގެން ނޫން ކަމަށާއި އެއްވެސް ހަމައެއް އުސޫލެއް، ގާނޫނެއް އަދި ގަވާއިދެއް ބެލުމެއްނެތި، އެ ކުންފުނިތަކުގެ އުސޫލުތަކާ ހިލާފަށް ކަމަށް މައުރޫފު ވިދާޅުވިއެވެ. ގައުމުގެ އިގުތިސޯދު ދަށްވެ މާލީގޮތުން ރައްޔިތުންނަށް ދަތިވަމުންދާ މިފަދަ ދަނޑިވަޅެއްގައި އެފަދަ ގޮތަކަށް ކަންކަން ކުރުމަކީ ގިނަ އަދަދެއްގެ، މެދު ފަންތީގެ ގޭބިސީތަކަށް އަސަރު ކުރާނެ ކަމަށެވެ.

"ހަރަދު ކުޑަ ކުރުމަށްޓަކައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން ނިންމި ނިންމުން ސަރުކާރުން ނާޖާއިޒު ގޮތުގައި ބޭނުން ކުރަމުންދަނީ ސަރުކާރަށް ތާއީދު ނުކުރާ މީހުންނަށް އަދަބު ދިނުމުގެ ގޮތުން،" މައުރޫފު ވިދާޅުވިއެވެ.

ވެރިކަން ހިންގާ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީ ކުރުވުމަަކީ ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބެއްކަން ފާހަގަ ކުރައްވައި، އެ ވާޖިބު އަދާކުރުމުުގެ ގޮތުން މި މައްސަަލައާ މެދު މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށް ގަރާރު ހުށަހެޅުއްވީ ކަމަށް މައުރޫފު ވިދާޅުވިއެވެ.

މި ގަރާރު މަޖިލީހަށް ބަލައިގަނޭތޯ މިއަދު ނެގި ވޯޓުގައި، ޖަލްްސާގައި ތިއްބެވި މެންބަރުންގެ ތެރެއިން ގަރާރު ބަލައިގަންނަން ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ ހަ މެންބަރުންނެވެ. ގަރާރު ބަލައި ނުގަތުމަށް ޕީއެންސީގެ 45 މެންބަރުން ވޯޓު ދެއްވިއެވެ. ޖަލްސާގައި އެވަގުތު ތިއްބެވީ 53 މެންބަރުންނެވެ.