އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީ (އިރީނާ) އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބަކަށް، ކުރީގެ އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ހަމަޖައްސަވަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ތޯރިގު މިހާރުވެސް ހުންނެވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމުގެ މަގާމުގައެވެ.

އިރީނާގައި ރާއްޖޭގެ ފަރާތުން ހުންނަވާ ދާއިމީ މަންދޫބަކަށް ތޯރިގު ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުކްޖުމްހޫރިއްޔާ ފޮނުވި މައްސަލައާ މެދު މަޖިލީހުން ގޮތެއް ނިންމަން އެދި ވަޑައިގެން ރައީސް ފޮނުއްވި ސިޓީ ފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

އެ ސިޓީފުޅު އިއްވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް، އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވަނީ އެ މައްސަލަ ދިރާސާ ކުރަން މަޖިލީހުގެ ހާރިޖީ ކޮމިޓީއަށް ފޮނުވައިފައެވެ.